މާލޭގައި އަންހެނަކު ރަހީނުކުރި ށ. މިލަންދޫ، އާދަމް އަޚްތަރު، 32، އަށް ފިޓް ޖެހިގެން އައިސީޔޫގައި ފަރުވާ ދިން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
އެމައްސަލައާއި ގުޅިގެން ފުލުހުން އަމަލު ކުރި ގޮތުން އޭނާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެ ވާހަކަތައް ދޮގުކުރަމުން ފުލުހުން ބުނީ އަޚްތަރަށް އައިސީޔޫގައި ފަރުވާ ދޭން އެއްވެސް ޑޮކްޓަރަކު ލަފާ ދީފައިނުވާ ކަމަށެވެ. އަދި ފިޓް ޖެހުނު ކަމެއް ޑޮކްޓަރުންގެ ލިޔުމުން އިނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވީ، އަޚްތަރު ޑޮކްޓަރަށް ދައްކައި އަދި މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު، އޭނާގެ ޓެސްޓްތައް ނޯމަލް ކަމަށެވެ. ސައިކެޓްރިސްޓް އަދި ނާރުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ ދެ ރޭ ކުރިން އަޚްތަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އަންހެނަކު ރަހީނުކޮށްގެން އުޅެނިކޮށެވެ. އެ އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.


