Tuesday, 28 July 2026
Raajje24

މާލޭގައި ރަހީނުކުރި އަންހެނަކު ސަލާމަތްކޮށްފި

މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރުދެއްކި ފިރިހެން މީހާ ހައްޔަރުކޮށް، އަންހެން މީހާ މިރޭ ސަލާމަތްކޮށްފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރަހީނުކުރި އަންހެން މީހާއަށް ގޭތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާކުރި ކަމަށެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފި ނަމަ، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖެއްސުމަށްފަހު ފުލުހުންނަށް އިންޒާރު ދިން ކަމަށްވެސް ބުންޏެވެ.

ފުލުހުން ވިދާޅުވީ އެ ފިރިހެން މީހާ ހައްޔަރު ކުރުމުގެ ތެރޭގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ފިރިހެން މީހާ އަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އަންހެން މީހާ އަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. އަންހެން މީހާގެ ކަރުގައި ވަޅި އެޅިފައި ނުވި ނަމަވެސް އަންހެން މީހާ އަށް ނަފްސާނީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުންދާ ކަމަށްވެއެވެ.

އެ އަންހެން މީހާ ރަހީނު ކޮށްގެން ގެންގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނި ފިރިހެނަކު އަންހެނެއްގެ މޫނު މަތީގައި އަތް އަޅައި، ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ގޭގެ ދޮރު ކައިރީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.

އެހެން ވީޑިއޯއެއްގައި ފެންނަނީ އެ ފިރިހެން މީހާ، އަންހެން މީހާ ސައިކަލެއްގެ ކުރިއަށް އަރުވައިގެން އެ ސަރަހައްދުން ދާ މަންޒަރެވެ. އޭރު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.

އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުން އަންހެން މީހާ ސަލާމަތްކުރީ ސައިކަލުގައި މަޑުކޮށްގެން އިންދާ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމަށްފަހުއެވެ. އެ ވަގުތު ދެ މީހުން ސައިކަލާއެކު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *