Tuesday, 28 July 2026

އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފިއެވެ.

މިދެބޭފުޅުންނަށް ރައީސް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ބިނާވެފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި އިޙްތިރާމުގެ މައްޗަށްކަން ފާހަގަކުރައްވައި މިގުޅުން އިތުރަށް ބަދަހިވެ އަދި އުފެދިގެންދިޔަ މި ގާތް ރަހުމަތްތެރި ގުޅުމަކީ ރާއްޖޭގެ ތަރައްޤީއާ ފާގަތިކަމަށް އިތުރު ފަހިކަން ގެނެސްދިން ކަމެއްކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައި ވެއެވެ.

އަދި މި މެސެޖުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް އިތުރުކުރިއެރުމާއި ފާހަގަތިކަމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މީސްމީޑިއާ މެދުވެރިކުރައްވައި ވެސް މިއަދު ފޮނުއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *