Tuesday, 28 July 2026

އިއްޔެ ހިންގަން އުޅުނީ ސީދާ ބަޣާވާތެއް، މައްސަލަ ބަލާނަން: ރައީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނިންމުމާ ގުޅިގެން އިއްޔެ ހިންގަން އުޅުނީ ބަޣާވާތެއްކަމަށާއި، ނުފޫޒު ނުފޯރުވާ މައްސަލަ ބަލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ހިނގައިދިޔަ ކަންކަމުގައި ގާނޫނީ ވެރިކަން ވައްޓައިލުމުގެ ކަންކަން ހިނގި ކަމަށް ބެލެވޭތީ ފުލުހުންގެ ތަހުގީގު ހިނގަމުންދާ ކަމަށް ބުނެ ނެރުނު ބަޔާނާ ހަވާލާދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިއްޔެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމި ނިންމުން އިއުލާނުކުރަން އުޅޭކަން އެ މަނިކުފާނަށް އެނގިވަޑައިގަތް ހިސާބުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެ ނިންމުން ނެރުނީ، އެ މަނިކުފާނުގެ އަޑު ނާހައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ހުރިހާ ޑޮޓެއް ގުޅޭ ކަން ސަލާމަތުން ބުއްދި ހުރި މީހަކަށް އެނގޭނެ. މިއީ ހަމަ ބަގާވާތެއް،" ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން އެ މަސައްކަތް ކުރީ ވަރަށް ދުރާލާ ރާވައިގެންނެވެ. އެ ގޮތުން ކައިރި ބައެއް ގައުމުތަކުގައި ރައްޔިތުން މަގުމައްޗަށް ނުކުތުމުގެ މިސާލު ދައްކައިގެން ހިތްވަރުދިނުމަށް މަސައްކަތްތަކެއް އެޕާޓީން ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ހިންގުމަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން ފުލުހުންގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ "ޕްރޮފެޝަނަލް" ތަހުގީގުން ފާހަގަވާ ކަންކަމަށް ފިޔަވަޅު އެޅުމާއި، ދައުވާކުރުމާއި ޝަރީއަތް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވަނީ ހަތަރު ޑިރެކްޓަރުން ކަމަށާއި، ބާކީ ފަސް ޑިރެކްޓަރުންނަކީ ސަރުކާރަށް ނިސްބަތްވާ ޑިރެކްޓަރުން ނޫން ކަމަށެވެ.

ބީއެމްއެލްގެ ނިންމުން ބަދަލުކުރީ އެމަނިކުފާނާއި ބައެއް ވަޒީރުންގެ މަސައްކަތްޕުޅުން ޗަމްޕާ މުހައްމަދު މޫސާއާއި ހުސައިން އަފީފް ރެޕްރެޒެންޓްކުރާ ޑިރެކްޓަރުންގެ އެހީ ފަހު ވަގުތު ލިބުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެ ބޭފުޅުންނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *