މިއަންނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫޢުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާކަމަށާއި އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައިކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހޮނިހިރި ދުވަހުގެ ރޭ އޮތް މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖީދިއްޔާ ސްކޫލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަޚުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ނިންމާފައިވާކަމުގައެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީހީ ތަޢުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާއެކު ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދިރިއުޅުމުގައި ކުރުމަށް ކަނޑައަޅާ ކަންކަމުގައި ފަހަތަށް ނުޖެހި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކަށްވެސް ކުރިމަތިލައިގެން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ..
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.


