ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައި އެކަން އިއުލާންކުރީ އެގޮތަށް އަމަލުނުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފައި ވަނިކޮށް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
އިގްތިސޯދީ ވުޒާރާއާއި، މާލީ ވުޒާރާ އަދި ހާރިޖީ ވުޒާރާގެ އިތުރުން ބަންޑާރަ ނައިބުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ރައީސް އޮފީހުގައި ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުގެ ހިދުމަތް ނުދިނުމަށާއި ޑޮލަރު ލިމިޓު 100 ޑޮލަރަށް ކުޑަކުރަން ނިންމީ ރައީސް ޑރ. މުއިއްޒު އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންފައި ވަނިކޮށް ކަމަށެވެ.
ސައީދު ވިދާޅުވީ، ޑޮލަރު ލިމިޓް ނުކުރަން ރައީސް ބީއެމްއެލްއަށް އެންގެވީ އެތައް ބައިވަރު ކިޔަވާ ކުދިންނާއި ބޭރުން އެއްޗެހި އިމްޕޯޓް ކޮށްގެން އޮންލައިން ވިޔަފާރި ކުރާ އެތައް ބައެއްގެ ހައްގުގައި ކަމަށެވެ.
ޑޮލަރުގެ މައްސަލައިގައި ކެބިނެޓުގައި އޮތް އިކޮނޮމިކް ކައުންސިލުން ސީދާ ބީއެމްއެލްގެ މެނޭޖުމެންޓާއެކު މަޝްވަރާތަކެއް ކުރި ކަމަށާއި އަދި މިކަމާއި ގުޅިގެން މިވަގުތަށް އެއްވެސް ފިޔަވަޅެއް ނާޅައި މަޑުކުރަން ދެ ފަރާތުން ވާހަކަ ދައްކައިގެން ނިންމި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ބީއެމްއެލް ތެރޭގައި ކުއްލިއަކަށް މިހާލަތު ބަދަލުވިގޮތް ދެނެގަންނަން އަމަލު ކުރަންޖެހޭނީ ކޯޕަރޭޓް ގަވަނެންސް އުސޫލުން ކަމަށާއި، ސަރުކާރުގެ ހިއްސާ އޮތްނަމަވެސް ބޭންކުން ނިންމާ ނިންމުންތަކަށް ސަރުކާރުން ފުރުސަތު ދޭނެ ކަމަށާއި އިންޓަވީން ކުރަނީ އެފަދަ ހާލަތެއް މެދުވެރިވުމުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބޭންކަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރަން އެމްއެމްއޭން އިތުރަށް އެ ބޭންކަށް ޑޮލަރު ދެވޭނެ ގޮތްތަކެއް ކުރިއަށް އޮތްތާ ރާވާނެ ކަމުގެ ޔަގީންކަން މިހާރު ދީފައިވާ ކަމަށެވެ. އަދި ބޭންކުގައި ދައުރުވާ ބޭރު ފައިސާ އިތުރުކުރަން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.


