ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްކޮށް، ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ނިންމުމާއެކު، ބޭންކުގެ ކޯލް ސެންޓަރުތަކަށް ބާރުބޮޑުވެއްޖެ އެވެ.
ބޭންކުން ވަނީ ގިނަ އަދަދެއްގެ ކަސްޓަމަރުން ގުޅަމުންދާތީ، ކޯލް ސެންޓަރާ ގުޅުމުގައި ދަތިތަކާ ކުރިމަތިވެދާނެކަމަށް ބުނެފައެވެ. އަދި ބޭންކަށް ގުޅުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް މެސެޖު ކުރުމަށް ބޭންކުން އެދިފައި ވެއެވެ.
މީގެއިތުރުން ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓަށް ގެނެވިފައިވާ ބަދަލުތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް ބީއެމްއެލްގެ ވެބްސައިޓަށް ދިއުމަށް ވަނީ އިލްތިމާސްކޮސްފައެވެ. އިލްތިމާސްކުރަމެވެ.
މިއަދު ބީއެމްއެލްގެ ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް :
• މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
• މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
• މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.
ބީއެމްއެލް އިން ބުނީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެ.


