Tuesday, 28 July 2026

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެއްމާބަނޑު ފަސްބެއިން ޝަހީދުކޮށްލައިފި

ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ދިހަ އަހަރުގެ އެއްމާބަނޑު ފަސްބެއިން ހިމެނޭ ގޮތަށް 29 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހްގެ ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެ މީހުންގެ މަންމަ އާއި 18 މަހުގެ އެއްބަނޑު އެއްބަފާ ކޮއްކޮއާ އެކު އެއްމާބަނޑު ފަސްބެއިން ވަނީ ޝަހީދުވެފައެވެ.

އެ ކުދިންގެ ކާފަ މުހައްމަދު އަވާދު ޚަތާބު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެ ހަ ކުދިން ވަނީ ހަށިގަނޑުގެ ބައިތައް ވަނީ ވަކިވެފައި ކަމަށާއި، އެއް ކޮތަޅެއްގައި ބަހައްޓާފައި ހުރި ކަމަށެވެ.

"އެމީހުން ކުރީ ކީއްހެއްޔެވެ؟ ޔަހޫދީންގެ ތެރެއިން އެއްވެސް މީހަކު އެމީހުން މަރާލީތަ؟ … މިކަމުގެ ސަބަބުން އިސްރާއީލަށް ރައްކާތެރިކަން ލިބޭނެތަ؟" އެ ކުދިންގެ ކާފަ ބުންޏެވެ.

އިޒްރޭލުން ހިންގަމުންދާ ހަމަލާތަކަށް 10 މަސް ވެފައިވާއިރު، އެތައް ކުޑަކުދިންނާއި ތުއްތު ކުދިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި މިދިޔަ ހަފުތާގައި މަރުވި ތިން ދުވަހުގެ ތުއްތު ކުދިން ވެސް ހިމެނެ އެވެ. އެ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިޒްރޭލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ މުއާމަލާތްތައް ދޭން ފާސްކޮށްފަ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 40،099 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި 16،000 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *