ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ދިން ހަމަލާތަކުގައި ފަސް ކުދިންނާއި އެކުދިންގެ މައިންބަފައިން ހިމެނޭ ގޮތަށް 17 މީހުން ޝަހީދުކޮށްލައިފި އެވެ.
މި ހަމަލާތައް ދީފައި މިވަނީ 10 މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މަގްސަދުގައި އާ މަޝްވަރާތަކެއް ފެށުމަށް ތައްޔާރުވަމުން ދަނިކޮށެެވެ. އެމެރިކާ އާއި ގަތަރާއި މިސްރުން އެއްބަސްވުމަކަށް އައުމުގެ އުއްމީދުގައި ތިބި ނަމަވެސް ނުސީދާ ގޮތުން އެތައް މަހެއް ވަންދެން މަޝްވަރާ ކުރުމަށް ފަހު ދެ ގައުމު އަދިވެސް އޮތީ ވަރަށް ފަހަތުގައެވެ.
ހަމާސްގެ އިސް އޮފިޝަލަކާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ހައިސިއްޔަތުން އެމެރިކާއަށް ކުރާ އިތުބާރު އެ ޖަމާއަތުން ގެއްލެމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ.. ބުރާސްފަތި ދުވަހު ފަށާ މަޝްވަރާތަކުގައި ހަމާސް ބައިވެރިވާނެ ކަމެއް އަދި ސާފެއް ނުވެ އެވެ.
ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމައިގައި ފަލަސްޠީނުގެ ޖުމްލަ މަރުވި މީހުންގެ ޢަދަދު ވަނީ ގާތްގަނޑަކަށް 40،000 އަށް އަރާފައެވެ.
ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ރޭ ދިން ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 2 އަހަރާއި 11 އަހަރާ ދެމެދުގެ ފަސް ކުދިންނާއި އެކުދިންގެ މައިންބަފައިން ކަމަށް ކައިރީގައި ހުރި އަލްއަޤްޞާ ޝަހީދުސް ހޮސްޕިޓަލުން ބުނެއެވެ.


