ކޮންގޯ އާއި އެފްރިކާގެ އެހެން ގައުމުތަކުގައި ފެތުރެމުންދާ އެމްޕޮކްސް އަކީ ދުނިޔޭގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފި އެވެ.
ޑަބްލިޔުއެޗްއޯއިން މިކަން އިއުލާންކޮށްފައި މިވަނީ ގިނަ ގައުމުތަކުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ އެމްޕޮކްސް ކޭސްތައް ފެނި، ވައިރަހުގެ އާ ވައްތަރެއް ފެތުރެމުން ދާތީއެވެ. މި ބަލީގެ ވެކްސިންގެ ޑޯޒްތައް ލިބެން ހުރީ ވަރަށް މަދުންނެވެ.
އެފްރިކާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މި ހަފުތާގެ ކުރީކޮޅު ވަނީ އެމްޕޮކްސް ފެތުރުމަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަން އިއުލާނުކޮށް ވައިރަސް ފެތުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ގޮވާލައިފަ އެވެ.
އެފްރިކާ ސީޑީސީން މީގެ ކުރިން ބުނެފައި ވަނީ މަންކީޕޮކްސްގެ ނަމުން ނަން ދީފައިވާ އެމްޕޮކްސް މި އަހަރު 13 ގައުމަކުން ފެނިފައިވާ ކަމަށާއި ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ 96 އިންސައްތަ ހިމެނެނީ ކޮންގޯއިން ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކޭސްތައް 160 އިންސައްތަ އިތުރުވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 19 އިންސައްތަ އިތުރުވެފައެވެ. މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 524 މީހަކު ވަނީ މަރުވެފަ އެވެ.
2022 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ވަނީ އެމްޕޮކްސް އަކީ ދުނިޔޭގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ކަނޑައެޅީ މީގެ ކުރިން އެމްޕޮކްސް ރިޕޯޓް ކޮށްފައި ނުވާ 70 އަށް ވުރެ ގިނަ ގައުމަށް ބަލި ފެތުރެން ފެށުމުން ނެވެ. އެ ފަހަރު ބަލިޖެހިގެން މަރުވެފައިވަނީ 1 އިންސައްތައަށްވުރެ މަދު މީހުންނެވެ.
ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ މައިކަލް މާކްސް ވިދާޅުވީ އެފްރިކާގައި އެންމެ ފަހުން ފެތުރެމުންދާ މި އެމްޕޮކްސް އައުޓްބްރޭކްތަކަކީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ކަނޑައެޅުމަކީ އެބަލިތައް ކޮންޓްރޯލް ކުރުމަށް އިތުރު އެހީތެރިކަމެއް ލިބިދާނެ ކަމެއް ކަމަށެވެ.
މްޕޮކްސް އަކީ މީހުންނާއި ބަލި ޖެހިފައިވާ ޖަނަވާރުންގެ މެދުގައި ފަސޭހައިން ފެތުރޭ ވައިރަލް ބައްޔެކެވެ. ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި މި ބަލި ފެތުރޭނީ ގާތް ގުޅުމެއް ބޭއްވުން ފަދަ އަތްލުމާއި ބޮސްދިނުން ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ އިތުރުން ފޭރާމާއި އިންޖެކްޝަން ފަދަ ތަޣައްޔަރުވެފައިވާ ތަކެތި މެދުވެރިކޮށެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ވޭންދެނިވި ރިއްސުން، ބޮލުގައި ރިއްސުން، މަސްތަކާއި ބުރަކަށީގައި ރިއްސުން، ހަކަތަ މަދުވުމާއި ލިމްފް ނޯޑްސް ބޮޑުވުން ހިމެނެއެވެ.


