Wednesday, 29 July 2026

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ މިނިވަން ކުރަން އަންގައިިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން ދުރުކޮށް ގައުމު ދޫކޮށް ފިއްލަވާފައި ވަނިކޮށް، އެ ޤައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން، ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ މިނިވަން ކުރުމަށް އަންގަވައިފި އެވެ.

ރައީސްގެ ޕްރެސް ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަހާބުއްދީން އިސްވެ ހުންނަވައިގެން ބޭއްވި ބައްދަލުވުމެއްގައި "ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ޗެއާޕާސަން ބޭގަމް ޚާލިދާ ޒިޔާ ވަގުތުން މިނިވަން ކުރުމަށް އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތިން ކުރެއްވި 78 އަހަރުގެ ޒިޔާގެ މައްޗަށް 2018 ވަނަ އަހަރު ކޮރަޕްޝަންގެ ކުށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ގޯސްވެ ފަހުންވަނީ ހޮސްޕިޓަލުގައި ބަންދުކޮށްފައެވެ.

ހަސީނާއާ ޒަމާނުއްސުރެ އޮތް ވާދަވެރިކަމެއްގައި އެކަމަނާގެ މައްޗަށް އުފުލާފައިވަނީ، ޔަތީމް ޚާނާ ޓްރަސްޓަކަށްހަދިޔާގެ ގޮތުގައި ދިން ދެލައްކަ ފަންސާސް ހާސް ޑޮލަރަށް ޚިޔާނާތްތެރިވެ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމުގެ ތުހުމަތެވެ.

ބީއެންޕީން ބުނީ އެ މައްސަލަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ ޒިޔާ ސިޔާސީ މައިދާނުން ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ހަސީނާގެ ސަރުކާރުން ދޮގުކުރެއެވެ.

ސަރުކާރުގެ ވަޒީފާގެ ކޯޓާއާ ގުޅިގެން މަގުމަތީގައި ކުރި ނުރައްކާތެރި މުޒާހަރާތަކުގެ ތެރެއިން މިދިޔަ މަހުން ފެށިގެން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ރޫޅާލަން މަސައްކަތްކުރި މުޒާހަރާތަކުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އާދީއްތަ ދުވަހު ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކުގައި 100 އެއްހާ މީހުން މަރުވެ، މުޒާހަރާތައް ބާތިލް ކުރުމަށް ކާފިއު ހިންގަން ވަނީ ގޮވާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *