ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާކުރަމުން ދިޔަ މީހުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 8 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ފުލުހުންނާއި ޑޮކްޓަރުން ބުނެފިއެވެ.
ފުލުހުންގެ އޮފިސަރުންނާއި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މައުލޫމާތު ދިން ގޮތުގައި މަރުވެފައިވަނީ އުތުރުގެ ޑިސްޓްރިކްޓެއް ކަމަށްވާ ޕަބްނާއިން ތިން މީހަކާއި އުތުރުގެ ޑިސްޓްރިކްޓެއް ކަމަށްވާ ރަންގްޕޫރުން ދެ މީހަކާއި ވެރިރަށް ޑާކާގެ މުންޝީގަންޖް ޑިސްޓްރިކްޓުން ދެ މީހަކާއި ހުޅަނގުގެ ޑިސްޓްރިކްޓެއް ކަމަށްވާ މަގޫރާއިން އެކަކެވެ.
މިދިޔަ މަހު އެ ޤައުމުގައި ސިވިލް ސަރވިސްގެ ވަޒީފާގެ ކޯޓާއާ ދެކޮޅަށް ބޭއްވި، ހަސީނާގެ 15 އަހަރުގެ ވެރިކަމުގެ އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
އަދި ސިފައިން ކުޑަ ވަގުތުކޮޅަކަށް އަމާންކަން ގާއިމުކުރި ނަމަވެސް، ސަރުކާރު ޕެރަލައިޒް ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ އެއްބާރުލުން ނުދިނުމުގެ ހަރަކާތުގައި މި ހަފުތާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އެތައް ލައްކަ ބަޔަކު ހިނގާލިއިރު، ފުލުހުން ތިބީ އެއްވުންތައް ބަލަހައްޓައިގެންނެވެ.


