ވެނެޒުއޭލާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި 80 އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ބަންޑާރަ ނައިބު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
ވެރިރަށް ކަރަކަސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތާރިކް ވިލިއަމް ސާބް ވިދާޅުވީ ބެރިކޭޑް ފޫއަޅުވާލައި، އާންމު މުދަލަށް ގެއްލުންދީ، ސަލާމަތީ ބާރުތަކަށް ހަމަލާދިނުމުގެ ސަބަބުން ގިނަ ބަޔަކު ދާދި ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ނުލާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކި ހަމަނުޖެހުންތައް ހިނގުމުގެ ސަބަބުން މީހުން މަސައްކަތަށް ނުނިކުމެ ފިހާރަތައް ނުހުޅުވާ ކަމަށެވެ.
ދުސްތޫރީ އޮނިގަނޑުގެ ތެރެއިން ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކަށް އިހުތިރާމް ކުރައްވާކަން ފާހަގަކުރައްވައި ސާބް ވިދާޅުވީ، ހަރުކަށި އަމަލުތައް ހިންގާ ފަރާތްތައް ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީ ވާނެ ކަމަށެވެ.
ވެނެޒުއޭލާގައި ރިޔާސީ އިންތިހާބު ބޭއްވީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.
ވެނެޒުއެލާގެ އިލެކްޓޯރަލް ކައުންސިލް (ސީއެންއީ) އިން އިއުލާނު ކުރި ނަތީޖާދައްކާ ގޮތުން މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯ ތިން ވަނަ ފަހަރަށް ކާމިޔާބު ކުރެއްވީ 51.2 ޕަސެންޓް ވޯޓާއެކު އެވެ.
އިންތިހާބު ނިމުމާއެކު އިދިކޮޅު ފަރާތްތަކުން މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ބުނެފައިވަނީ ސީއެންއީގެ ޑޭޓާއަކީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށާއި ނަތީޖާ އަކީ އޮޅުވާލާފައިވާ ނަތީޖާއެއް ކަމަށެވެ.
އޮޅުވާލައިގެން އިންތިހާބުގެ ނަތީޖާ ނެރެފައިވާ ކަމުގެ ތުހުމަތުގައި ބޭއްވި މުޒާހަރާތަކުގައި މިހާތަނަށް ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ސިފައިންގެ އެކަކާއި އެކު 17 މީހަކު ވަނީ މަރުވެފަ އެވެ.


