Tuesday, 28 July 2026

އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި

ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނުގައި އަވަހާރަކޮށްލާފައިވާކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހަމާސް ޖަމާއަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަނިއްޔާ މަރާލާފައިވަނީ ތެހެރާނުގައި ހުންނަ އޭނާ ދިރިއުޅުއްވާ ގެކޮޅަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި ހަނިއްޔާ އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު ހުވާ ކުރެއްވި އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ތެހްރާންއަށް ވަޑައިގެން ހުންނަވަނިކޮށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާ ކަމަށާއި ނަމަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އުމުރުން 62 އަހަރުގެ ހަނިއްޔާ އަކީ 1980 ގެ އަހަރުތަކުގެ ފަހުކޮޅު ހަމާސް ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ފަލަސްތީނުގެ ފުރަތަމަ ބަޣާވާތާ ދެކޮޅަށް އިސްރާއީލުން ފިޔަވަޅު އެޅުމުގެ ގޮތުން 1989 ވަނަ އަހަރު ހަނިއްޔާ ތިން އަހަރަށް ޖަލަށްލި އެވެ. އެއަށްފަހު 1992 ވަނަ އަހަރު ހަމާސްގެ ބައެއް ލީޑަރުންނާއެކު އިޒްރޭލާއި ލުބްނާނާ ދެމެދު އޮންނަ ނޯމޭންސް ލޭންޑަށް އޭނާ ވަނީ ބޭރުކޮށްފަ އެވެ.

ފަލަސްތީނުގެ ބޮޑުވަޒީރުކަމަށް ހަނިއްޔާ ހަމަޖެއްސެވީ 2006 ވަނަ އަހަރު ރައީސް މަހްމޫދު އައްބާސް، ގައުމީ އިންތިހާބުގައި ހަމާސް އަށް އެންމެ ގިނަ ގޮނޑި ލިބުމުންނެވެ. ނަމަވެސް އޭގެ އަހަރެއްހާ ދުވަސް ފަހުން އޭނާ މަގާމުން ވަކިކުރީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއިން އައްބާސްގެ ފަތަހު ޕާޓީން އެ ޖަމާއަތުން ބޭރުކޮށްލުމުންނެވެ.

އޭނާ މަގާމުން ވަކިކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ ހަނިއްޔާ އޭރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ މެދު އޭނާގެ ސަރުކާރުން އަދާކުރަންޖެހޭ ގައުމީ މަސްއޫލިއްޔަތު ދޫކޮށްނުލާނެ ކަމަށާއި ޣައްޒާގައި ވެރިކަން ކުރަމުން ގެންދާނެ ކަމަށެވެ.

އޭގެފަހުން ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސްވެރިއަކަށް އޭނާ އިންތިހާބުވީ 2017 ވަނަ އަހަރު އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން 2018 ވަނަ އަހަރު ވަނީ ހަނިއްޔާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *