އިންޑިއާގެ ކެރެލާގެ ވަޔަނާޑް ޑިސްޓްރިކްޓްގެ މެޕަޑީ ކައިރީގައި އޮންނަ ފަރުބަދަމަތީ ސަރަހައްދުތަކަށް މިއަދު ދުވަހުގެ ހެނދުނު ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 84 މީހުން މަރުވެ، 116 މީހުން ޒަހަމްވެ އެތައް ސަތޭކަ ބަޔަކު ތާށިވެފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.
ހަތަރު ގަޑިއިރުގެ ތެރޭގައި ވަޔަނާޑުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެންޑީއާރްއެފް އާއި އަސްކަރިއްޔާ ފަދަ ގިނަ އެޖެންސީތަކެއް ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފަ އެވެ.
މުންޑައްކައި، ޗޫރަލްމަލާ، އަޓަމަލާ އަދި ނޫލްޕޫޒާ އަވަށަކީ މި ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގެ ސަބަބުން ޗާލިޔާރު ކޯރުގައި އެތައް ބަޔަކު އޮޔާދާފާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މެޑިކަލް ޓީމްތަކާއެކު 225 ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން އެއާފޯސްގެ ދެ ހެލިކޮޕްޓަރާއި އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރު ވެސް ވަނީ ހިދުމަތަށް ނެރެފަ އެވެ.
ކެރެލާގެ މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ އިންޑިއާ ނޭވީގެ ޓީމަކުން ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިވާނެ ކަމަށެވެ. ޖޯޖް ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު ސަރަހައްދުތަކާއި އެންމެ ކައިރީގައި އޮންނަ ޗޫރަލްމަލާ އަވަށާ ގުޅާލި ޑިސްޓްރިކްޓްގެ ބްރިޖެއް ވެސް ވަނީ އޮޔާ ގޮސްފަ އެވެ.
"ގާތްގަނޑަކަށް 70 ވަރަކަށް މީހުން ޒަހަމްވެފައި އެބަހުރި. އަދި ޒަހަމްވި މީހުންނަށް އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަންއާ ވާހަކަ ދައްކަވައި، މި ހާލަތުން އަރައިގަތުމަށް މަރުކަޒުގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސް ދޭން ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ. އަދި ޒަހަމްވި މީހުންނަށް 50،000ރ. ދޭންވެސް ނިންމާފައި ވެއެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގަސްތައް ވެއްޓި، އެ ޑިސްޓްރިކްޓްގެ ބައެއް ގެތައް ހަލާކުވެފައިވާ މަންޒަރުތައް ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.


