އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ އުތުރުގެ ގަވަރުނަރޭޓްތަކުގައި ދިރިއުޅޭ ގެތައް ހުސްކޮށް ދެކުނުފަރާތަށް ބަދަލުވުމަށް ގޮވާލައި، ރައްޔިތުންނަށް ނަފްސާނީ ޕްރެޝަރު ބޮޑުކުރަމުން ކަމަށާއި އަދި މުޅި ޣައްޒާގެ އެކި ހިސާބުތަކުގައި ވެސް ރައްކާތެރި ސަރަހައްދެއް ނެތްކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ދާޚިލީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ފަހަކަށް އައިސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ ޣައްޒާއާއި އުތުރުގެ ގަވަރުނަރޭޓްތަކުން ދެކުނުފަރާތަށް ދިއުމަށް މަގުތައް އަންގައިދޭ މެޕްތައް އާންމުކޮށް، އެ މަގުތަކަކީ "ރައްކާތެރި" މަގުތަކެއް ކަމަށް ބުނެފައެވެ.
ނަމަވެސް މަންޒަރު ދުށް މީހުން ބުނީ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ނެޓްޒާރިމް އެކްސިސްގައި ތިބޭ އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނު މީހުން މަރަމުން ދަނީ ފަލަސްތީނު މީހުން ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ޗެކްޕޮއިންޓްތަކުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ފޮޓޯތަކާއި މަންޒަރުތައް ބްރޯޑްކާސްޓްކޮށް، އިންސްޕެކްޝަންތަކެއް ނެތް ކަމުގެ އޮޅުމެއް އުފައްދައި، ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ.
އަދި އަސްކަރިއްޔާއިން ކެމެރާތަކާއި ދުރުގައި ތިބި ގެދޮރު ގެއްލިފައިވާ މީހުންނަށް ބޮޑެތި އަނިޔާތަކާއި ގޯނާތައްކޮށް، އެތައް ބަޔަކަށް މަރުގެ އަދަބު ދީ، ޒަހަމްވި މީހުންދޫކޮށްލާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިސްރާއިލުން ފަލަސްތީނުގެ 38،900 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 89،600 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.


