އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ކުރުމުގައި ޑޮކްޓަރުން ކާމިޔާބު ހޯދާފައިވާ ކަމަށް ޣައްޒާގެ މެދުތެރޭގެ ނުސީރަތުގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލުން ބުނެފިއެވެ.
މެޑިކަލް އޮފިޝަލުން އިތުރަށް ވިދާޅުވީ، ނުވަ މަހުގެ މާބަނޑު މަންމަ މަރުވީ މިއަދު ފަތިހުގެ ވަގުތެއްގައި އޮކިއުޕޭޝަން ވޯޕްލޭންތަކުން އޭނާގެ ގެއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށެވެ. އަދި ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް އޭނާ ގެނައުމުން ވަގުތުން އޮޕަރޭޝަން ޑިޕާޓްމަންޓަށް ބަދަލުކޮށް، ޑޮކްޓަރުން ސިޒޭރިއަން ހަދާ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި ވެއެވެ.
އެ ކުއްޖާ އެ ހޮސްޕިޓަލުގެ އިންކިއުބޭޓަރެއްގައި ބާއްވާފައިވާއިރު، އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.
ނުސީރަތުގެ އަލް އަވްދާ ހޮސްޕިޓަލަކީ ސްޓްރިޕްގެ މެދުގައި އޮންނަ އަންހެނުންނަށް ހާއްސަ ހަމައެކަނި ހޮސްޕިޓަލެވެ.


