Tuesday, 28 July 2026

ބަންގްލަދޭޝްގައި ކުރި މުޒާހަރާތަކުގައި 39 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގައި ހިނގަމުންދާ ސިލްސިލާ މުޒާހަރުތަކުގައި 39 މީހަކު މަރުވެއްޖެ އެވެ.

ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 104 ފުލުހަކާއި 30 ނޫސްވެރިއަކު ޒަހަމްވެފައިވާ ކަމަށް އަމިއްލަ ބްރޯޑްކާސްޓަރު އިންޑިޕެންޑެންޓް ޓެލެވިޜަން އިން މިއަދު ވަނީ ބުނެފައެވެ.

އެ ނެޓްވޯކުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއި ދަރިވަރުންގެ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 702 މީހުން ޒަހަމްވެފައިވާ ކަމަށާއި، އެ ގައުމުގެ 64 ޑިސްޓްރިކްޓްގެ ތެރެއިން 26 ޑިސްޓްރިކްޓެއްގައި ކުރިމަތިލުންތައް ހިނގާފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މަގުމަތީގައި ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކުގެ އިތުރުން ވެހިކަލްތަކުގައި ވެސް ރޯކޮށްލާފަ އެވެ.

ބަންގްލަދޭޝްއިން މިހެން ބުނެފައި މިވަނީ ބޭރު ދުނިޔެއާ އެކު ބަންގްލަދޭޝްގެ މުވާސަލާތީ ގުޅުން ކަނޑާލައި، މުޅި ގައުމުގެ އިންޓަނެޓް މެދުކަނޑާލާފައި ވަނިކޮށެވެ.

ބަންގްލަދޭޝުން އަލަށް އެޅި ފިޔަވަޅަކީ މީގެ ކުރިން ސޯޝަލް މީޑިއާ އަށް ހުރަސް އެޅުމަށާއި މޮބައިލް ޑޭޓާގެ ހިދުމަތަށް ހުރަސް އެޅުމަށް ކުރި މަސައްކަތްތަކާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

މޯބައިލްގެ އިތުރުން ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތްވެސް މެދުކަނޑާލާފައިވާ ކަމަށާއި، އަދި ސޯޝަލް މީޑިއާ ބޭނުންކުރުން ވެސް މަދުކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

މިއަދު ވެސް މުޅި ގައުމުގެ ޓެލެކޮމިއުނިކޭޝަނަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށް ޑާކާ އާއި ނިއު ދިއްލީގައި ތިބި ނޫސްވެރިން ބުނެއެވެ. އަދި ބޭރުން އަންނަ ފޯނު ކޯލްތައް ގިނައިން ނުގުކަމަށާޢި، އިންޓަނެޓް މެދުވެރިކޮށް ކުރާ ކޯލްތައް ވެސް ނުލިބޭކަމަށް ބުނެފައިވެއެވެ.

މިއަހަރުގެ ކުރީކޮޅު ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންތިޚާބުވެވަޑައިގެންނެވި ފަހުން މުޅި ގައުމުގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު މުޒާހަރާއަކީ ޒުވާނުންގެ ވަޒީފާ ގެއްލޭ މިންވަރު ބޮޑުވުވުމާއި ގުޅިގެން ކުރާ މި މުޒާހަރާއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން އެ ގައުމުގެ 170 މިލިއަން އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ އާއި ތައުލީމު ނުލިބި ތިބި މީހުންނެވެ.

މި މުޒާހަރާގެ ބައިވެރިން ދަނީ ޕާކިސްތާނުގެ ކިބައިން 1971 ވަނަ އަހަރުގެ މިނިވަން ކަމުގެ ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާގެ 30 ޕަސެންޓް ދޭން ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލަމުންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *