ކަރާޗީ، ޕާކިސްތާން: ޕާކިސްތާނުގެ ހުޅަނގު އުތުރުގައި މިހަފްތާގެ ކުރީކޮޅު ދިން ބަޑީގެ ހަމަލާއެއްގައި އަސްކަރިއްޔާގެ 8 ސިފައިން ޝަހީދުކޮށްލުމާ ގުޅިގެން ޕާކިސްތާނުން އިސްލާމްއާބާދުގައި ހުންނަ އަފްޣާނިސްތާނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅަނގު އުތުރު ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ބަންނޫ ޑިސްޓްރިކްޓްގެ ކެންޓޯންމަންޓް ސަރަޙައްދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން އިސްލާމްއާބާދުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ފާއިތުވި މަސްތަކުގައި ޕާކިސްތާނުގެ އެތެރޭގައި ދިން ގިނަ ހަނގުރާމަވެރިންގެ ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނާއި ގާނޫނު ތަންފީޒުކުރާ އޮފިޝަލުން މަރުވުމުގެ ޒިންމާ އުފުލަން ޖެހޭނީ "އަފްޣާނިސްތާނަށް ނިސްބަތްވާ" ހާފިޒް ގުލް ބަހާދުރު ޖަމާއަތާއި ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ކަމަށް އެ ޤައުމުން ތުހުމަތު ކުރެއެވެ.
"އިންތިގާލީ އަފްޣާނިސްތާނުގެ ސަރުކާރަށް ގޮވާލާފައިވަނީ ބަންނޫ ހަމަލާ ދިން ފަރާތްތަކާ މެދު ފުރިހަމަ އަށް ތަހުގީގެއް ހިންގާ، އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި އަފްޣާނިސްތާނުގެ ސަރަހައްދު ބޭނުންކޮށްގެން ޕާކިސްތާނާ ދެކޮޅަށް މިފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް،" ބަޔާނުގައި ވެއެވެ.
ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ތެރޭގައި ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވަމުންދާތީ އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށްފައެވެ.
އަދި މިފަދަ ހާދިސާތަކަކީ ދެ ޤައުމުގެ އަޙްވަންތަ ގުޅުމުގެ ރޫޙާއި ވެސް ޚިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕާކިސްތާނުގެ އެތެރޭގައި ޓެރަރިސްޓް ހަމަލާތައް ދެމުން ދަނީ "އަފްޣާނިސްތާނަށް ނިސްބަތްވާ" ޓީޓީޕީގެ ހަނގުރާމަވެރިން ކަމަށް އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ. އަފްޣާނިސްތާނުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.


