ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން، ވެކްސިން ފޯރުކޮށްދިނުމަށް ހުރަސްއެޅި މިދިޔަ އަހަރު ވެކްސިން ޖެހުމުގެ މުހިންމު ޙަރަކާތްތަކުން ގިނަ ކުދިންތަކެއް ބާކީވެފައިވާކަމަށް އދއިން ބުނެފިއެވެ.
އދ. އިން ބުނިގޮތުގައި ޑިޕްތެރިއާ، ޓެޓަނަސް އަދި ހޫޕިންގ ކެއްސުން ފަދަ ނުރައްކާ ބަލިތަކަށް ވެކްސިން ދޭ ރޭޓް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.
އދގެ އަންދާޒާތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ގާތްގަނޑަކަށް 14.5 މިލިއަން ކުދިންނަށް ވެކްސިން ނުދެވުނު އިރު، އޭގެ ކުރީ އަހަރު ވެކްސިން ނުދެވި ވަނީ 13.9 މިލިއަން ކުދިންނަށެވެ. ނަމަވެސްމި އަދަދަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރާއި އަޅާބަލާއިރު ދަށް އަދަދެއް ކަމަށް އދ. އިން ބުނެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ގާތްގަނޑަކަށް 18 މިލިއަން ކުދިންނަށް ވެކްސިން ނުދެވެއެވެ.
އަދި އިތުރު 6.5 މިލިއަން ކުދިންނަށް އެއް ޑޯޒަށް ވުރެ ގިނަ ޑޯޒް ނުލިބުމުގެ މާނައަކީ އެކުދިންނަށް ފުރިހަމަ އަށް ރައްކާތެރިކަން ލިބިފައި ނުވާ ކަމަށް ވެސް އދ. އިން ބުނެއެވެ.
އދ. ގެ މި އަންދާޒާތައް ބިނާކޮށްފައި ވަނީ ޑިޕްތެރިއާ، ޓެޓަނަސް އަދި ޕަރޓޫސިސް އިން ރައްކާތެރިކޮށްދޭ މައިގަނޑު ޝޮޓެއް ކަމަށްވާ ޑީޓީޕީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުވަތަ ތިން ޑޯޒް ވެސް ޖަހާފައިވާ ކުދިންގެ އަދަދަށް ބިނާކޮށްގެންނެވެ.
ހާއްސަކޮށް ހަނގުރާމައިގެ އަސަރު ކޮށްފައިވާ ގައުމުތަކުގައި 2023 ވަނަ އަހަރު ވެކްސިން ނުޖަހާ ކުދިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ ފަންޑާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެ އެވެ.
މުޅި ދުނިޔޭގައި ވެކްސިން ކަވަރޭޖް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ 15 މަސް ދުވަހުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސޫދާނުގައެވެ. އެގޮތުން 2022 ވަނަ އަހަރު ކަވަރޭޖް ރޭޓް 75 އިންސައްތައިން 2023 ވަނަ އަހަރު ވަނީ 57 އިންސައްތައަށް ދަށަށް ގޮސްފައެވެ.
އެހެންކަމުން ސޫދާނުގެ ގާތްގަނޑަކަށް 701،000 ކުދިންނަށް ހިމަބިހި އަދި ޑިޕްތެރިއާ ފަދަ ކިލަރ ބަލިތަކުން ދިފާއުވުމަށް އެއްވެސް ވަރަކަށް ވެކްސިން ދީފައެއް ނުވެއެވެ.
އެ އެޖެންސީތަކުން ބުނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ވެކްސިން ނުޖަހާ ކުދިންގެ އަދަދު މިދިޔަ ނުވަ މަސް ދުވަހު 17،000 އަށް އަރާފައިވާ ކަމަށެވެ.
ސޫދާން، ޔަމަން އަދި އަފްޣާނިސްތާނަކީ 2023 ވަނަ އަހަރު އެންމެ ގިނަ އިން ވެކްސިން ނުޖަހާ ނުވަތަ "ޒީރޯ ޑޯޒް" ކުޑަކުދިން ތިބި 20 ގައުމުގެ ލިސްޓުގައި އަލަށް ހިމެނުނު ގައުމުތަކެވެ.


