ފަލަސްތީން: އިސްރާއީލުން ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި އިއްޔެ ހަވީރު ވަނީ އާންމުންގެ ގިނަ ބަޔަކުޝަހީދުކޮށް އެތައް ބަޔަކު ޒަޚަމް ކޮށްލާފައެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވައިދާ އަވަށުގެ ބީރު އަބޫ ސަލާހް ސަރަހައްދުގައި އިޒްރޭލުގެ ޑްރޯނެއް އާންމުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އާންމުންގެ އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.
އަދި އިޒްރޭލުގެ މަތިންދާ ބޯޓުތަކުން ނުސީރަތު ކޭމްޕުގެ އުތުރުން އާންމުންގެ ގެތަކަށް އަމާޒުކޮށް ހަމަލާދީ އެތައް ބަޔަކު ޒަހަމްކޮށްލާފައިވެއެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވަނީ ސްޓްރިޕްގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހެއިލާ އަވަށުގެ ގެއަކަށް ބޮން އަޅާފައެވެ. ހަމައެއާއެކު ޑްރޯނަކުން ވަނީ ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގެ އިރުމަތީގައި ތިބި އާންމުންނަށް ލައިވް ބަޑި ޖަހާފައެވެ.
އަދި އޭގެ އިރުކޮޅެއް ކުރިން ޔޫއެންއާރްޑަބްލިއުއޭ އިން ހިންގާ އަބޫ އަރަބާން ސްކޫލަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ 15 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ފަލަސްޠީނުގެ 38،584 މީހުންވަނީ ޝަހީދުވެފައެވެ. ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާއިރު، 88،881 މީހުން މިހާތަނަށް ވަނީ ޒަޚަމްވެފައެވެ.


