355 ކިލޯގެ މަސްތުވާތަކެއްޗާއެކު ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން އިއްޔެ އަތުލައިގަތް މަސް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުން މިއަދު ކަށަވަރުކޮށްދީފިއެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެތައް ބިލިއަން ރުފިޔާއަށް އަގުކުރެވޭ މަސްތުވާތަކެތީގެ ޝިޕްމަންޓަކާއެކު ސްރީލަންކާގެ ހުޅަނގު އައްސޭރިން އަތުލައިގަތީ "ސީދޭވީ" ނަމަކަށް ކިޔާ މަސް ބޯޓެކެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތް (އެމްޕީއެސް) އިން މިއަދު ބުނީ، ލަންކާ ފުލުހުން ދިވެހި ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ބޯޓުން މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދަކުން ނޫން ކަމަށެވެ. ނަމަވެސް، ލަންކާގެ ނިއުސް ފަސްޓް އިން ރިޕޯޓުކުރި ގޮތުގައި މި ބޯޓު ހިފެހެއްޓީ ސްރީލަންކާގެ ގޭލް ސަރަހައްދުންނެވެ. މި ބޯޓުން ފެނުނު 355 ކިލޯގެ ތަކެތީގެ ތެރޭގައި 251 ކިލޯގެ ކްރިސްޓަލް މެތަމްފެޓަމިން (އައިސް) އާއި 85 ކިލޯގެ ހެރޮއިން ހިމެނޭ ކަމަށް ލަންކާގެ ކޯސްޓު ގާޑު ސިފައިން ވަނީ ބުނެފައެވެ.
ލަންކާ ފުލުހުން ހިންގި ތަހުގީގަށް އެނގުނު ގޮތުގައި، މި މަސްތުވާތަކެތި އެތެރެކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދުބާއީގައި ހަރަކާތްތެރިވާ 'ދިނޫކާ’ގެ ނަމުން މަޝްހޫރު ކުށްކުރާ ގްރޫޕަކުންނެވެ. ބޯޓުގެ ވެރިފަރާތުން ވަނީ އޭނާގެ ޅިޔަނަށް ބޯޓު ދިނީ ހަމައެކަނި މަސްވެރިކަން ކުރުމަށް ކަމަށާއި، ޑުރަގު އެތެރެކުރުމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް ބުނެފައެވެ. ތަހުގީގަށް ހާމަވެފައިވާ ގޮތުގައި މި ދަތުރުގައި ބޯޓުން އެއްވެސް މަސްވެރިކަމެއް ކޮށްފައެއް ނުވެއެވެ.
މި އުޅަނދު އަތުލައިގަތް އިރު އެ އުޅަނދުގައި ތިބި ހަ ފަޅުވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ހިންގި އިތުރު އޮޕަރޭޝަނެއްގައި މި ކުށުގައި ތުހުމަތުކުރެވޭ މައިގަނޑު މީހާ ހައްޔަރުކޮށް، ހަތް ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކޮށްފައިވެއެވެ. ލަންކާ ފުލުހުން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ގިނަ ބަޔަކު ރާވައިގެން ހިންގާފައިވާ ބޮޑު ކުށުގެ އަމަލެކެވެ.


