Tuesday, 28 July 2026

އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ހަ ކުޑަކުދިންނާއި ތިން އަންހެނުން ޝަހީދުކޮށްލައިފި

ދީރް އަލް ބަލާހް: އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހުން ޝަހީދުކޮށްލައިފި އެވެ.

މަސްދަރުތަކުން ބުޏާ ގޮތުގައި މިއަދު ފަތިހުު ދިން މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ވެސް ހިމެނެއެވެ. އަދި އެމީހުން ޝަހީދުކޮށްލާފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ކަނޑައަޅާފައިވާ "ސޭފް ޒޯން" ގެ ތެރޭގައި ތިއްބާކަމަށް ކަމަށް އޮފިޝަލުން ބުނެފި އެވެ.

މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލް ބަލާހް އާއި ކައިރީގައި ވާ ރެފިއުޖީ ކޭމްޕްތަކަށް ޖެހިޖެހިގެން ދެ ވަނަ ރޭ ނުރައްކާތެރި ހަމަލާތަކެއް ދީފައި މިވަނީ އެމެރިކާ، މިސްރު އަދި ގަތަރުގެ މެދުވެރިންގެ އިތުރުން އިޒްރޭލުގެ އޮފިޝަލުން ގަތަރުގެ ވެރިރަށް ދޯހާގައި އެއްވެ، ހަނގުރާމަ ހުއްޓާލުމަށާއި ހާލުގައިޖެހިފައިވާ މީހުން ދޫކޮށްލުމަށް ދިގު މުއްދަތަކަށް އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި ނުސީރަތު ރެފިއުޖީ ކޭމްޕްގެ ތިން ގެއަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިންނާއެކު 12 މީހުން ޝަހީދުވެފައިވާކަމަށް އަލް އަޤްޞާ ޝަހީދުސް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމަލާތައް ދެމުން ދިޔައިރު، ހިމާޔަތް ހޯދުމަށް އިސްރާއީލުން އަންގާފައިވާ "އިންސާނީ ރައްކާތެރި ސަރަހައްދު" ގެ ތެރޭގައި ހިމެނޭ ދީރް އަލް ބަލާހްގެ ގެއަކަށް ބުދަ ދުވަހުގެ ފަތިހު ދިން ހަތަރު ހަމަލާއެއްގައި ހަތަރު ފިރިހެނުންނާއި ތިން އަންހެނުންނާއި ކުޑަކުއްޖަކު ވަނީ ޝަހީދުވެފަ އެވެ.

ރޭގަނޑު ބޮން އަޅާފައި މިވަނީ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދެކުނުގެ ޚާން ޔުނިސް ސިޓީގެ ބޭރުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ ސްކޫލެއްގެ ދޮރުމައްޗަށް ހަމަލާދިންތާ ގަޑިއިރުތަކެއް ފަހުންނެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައިވެއެވެ. އޭގެ ތެރޭގައި އަށް ކުޑަކުދިން ހިމެނޭ ކަމަށާއި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ނާސިރު ހޮސްޕިޓަލުގެ އޮފިޝަލުން މިއަދު ވަނީ ބުނެފަ އެވެ.

އަލްޖަޒީރާ ޓީވީން ގެނެސްދިން ފުޓޭޖުތަކުން ފެންނަ ގޮތުގައި ސްކޫލްގެ ގޯތިތެރޭގައި ކުޑަކުދިން ފުޓުބޯޅަ ކުޅެމުން ދަނިކޮށް ކުއްލިއަކަށް އައި ބޮމަކުން އެ ސަރަހައްދު ގުޑަމުން ދިޔައިރު "ވައިގެ ހަމަލާއެއް، ވައިގެ ހަމަލާއެއް!" ކިޔާ ގޮވާ އަޑު އިވެއެވެ.

ޣައްޒާއަށް ފާއިތުވި ނުވަ މަސް ދުވަހު އިސްރާއިލުން ދެމުންދިޔަ ބޮމުގެ ހަމަލާތަކުގައި 38،200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 88،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޣައްޒާގެ ގާތްގަނޑަކަށް މުޅި އާބާދީ ވަނީ ގެދޮރު ގެއްލިފަ އެވެ. އެތައް ސަތޭކަ ހާސް ބަޔަކު ތިބީ ތޮއްޖެހިފައިވާ ޓެންޓް ކޭމްޕްތަކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *