Tuesday, 28 July 2026
ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖިރޯ ކޮއިޒޫމީ ޔޮނަގުނީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް. އެލެސްޓާ ގޭލް / ބްލޫމްބާގް - ގެޓީ އިމޭޖަސް

ޓައިވާނު ކައިރި ރަށެއްގައި މިސައިލް ބަހައްޓަން ޖަޕާނުން ނިންމުމުން ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފި

ތައިވާނާ ކައިރީގައިވާ ރަށެއްގައި މިސައިލް ބަހައްޓަން ޖަޕާނުން ނިންމާފައިވާ ނިންމުމަކީ، ދެ ގައުމުގެ ދެމެދުގައި ސިޔާސީ ހަމަނުޖެހުންތައް ހިނގަމުންދާ ދަނޑިވަޅެއްގައި، ސަރަހައްދީ ހަމަނުޖެހުން އުފައްދައި އަދި އަސްކަރީ ކުރިމަތިލުންތަކަށް ހިތްވަރުދިނުމަށް ގަސްތުގައި ކުރާ ކަމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން މިހެން ބުނެފައި މިވަނީ، ޖަޕާނުގެ ބޮޑުވަޒީރު ސަނާއީ ތަކައިޗީ ދާދިފަހުން ޑިމޮކްރެޓިކްކޮށް ހިންގާ ޓައިވާނަށް ޗައިނާއިން ހަމަލާއެއް ދީފިނަމަ ޓޯކިޔޯއިން އަސްކަރީ ރައްދެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އެންމެ ގޯސް ސިޔާސީ މައްސަލަތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ، ޖަޕާނުގެ ކަނާތު ފިޔައިގެ ބާރުތަކުން ދަނީ ޖަޕާނާއި ސަރަހައްދު ހަލާކުގެ ތެރެއަށް ގެންދަމުން ކަމަށެވެ. އަދި ބެއިޖިންގއަށް އެ ގައުމުގެ ސަރަހައްދީ މިނިވަންކަން ހިމާޔަތްކުރުމުގެ ޤާބިލުކަން ލިބިފައިވާކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މިހެން ބުނެފައި މިވަނީ ޖަޕާނުގެ ދިފާޢީ ވަޒީރު ޝިންޖިރޯ ކޮއިޒޫމީ އާދީއްތަ ދުވަހު ޓައިވާނުގެ އިރުމަތީ އައްސޭރިއާ 68 މޭލު ދުރުގައި އޮންނަ ޔޮނަގުނި ރަށުގައި ހުންނަ އަސްކަރީ މަރުކަޒެއްގައި މެދު ރޭންޖުގެ ސާރފޭސް-ޓު-އެއަރ މިސައިލް ޔުނިޓެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވިދާޅުވުމުންނެވެ. މާއޯ ނިންގް ހޯމަ ދުވަހު ވިދާޅުވީ، ޚާއްސަކޮށް ތަކައިޗީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން މިކަމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ކައިރީގެ ގައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސީރިއަސް ކަންބޮޑުވުން އުފެދެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޗައިނާއިން ވަނީ ތަކައިޗީގެ ބަސްތަކަށް ރައްދު ދިނުމުގެ ގޮތުން ދައުލަތުގެ މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާ، ޖަޕާނުގެ ކަނޑުމަސް މަނާކޮށް، ޖަޕާނުގެ ފިލްމުތައް ދެއްކުން ހުއްޓާލައި، އަދި ރައްޔިތުން ޖަޕާނަށް ދަތުރު ނުކުރުމަށް އިންޒާރު ދީފައެވެ. އަދި ނޮވެމްބަރު މަހުގެ މެދުތެރޭގައި، ޗައިނާގެ ދިފާޢީ ވުޒާރާއިން ވަނީ ތައިވާނުގެ ދިފާޢުގައި ޖަޕާނުން ބާރުގެ ބޭނުންކޮށްފިނަމަ އަސްކަރީ ބަދަލު ހިފުމަކާއި ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރު ދީފައެވެ.

ބެއިޖިންގއިން ޓައިވާނަށް ބަލަނީ އެއީ އަމިއްލަ ސަރަހައްދެއްގެ ގޮތުގައެވެ، އަދި އެ ސަރަހައްދު ބާރުގެ ބޭނުންކޮށްގެން ހިފަން ޖެހިއްޖެނަމަ އެކަން ކުރުމަށް ފަސްނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން، ޓައިޕޭގައި ހޯމަ ދުވަހު ތައިވާނުގެ ނައިބު ޚާރިޖީ ވަޒީރު ފްރެންކޮއިސް ވޫ ވަނީ، ޔޮނަގުނި ތައިވާނާ ކައިރިކަން ފާހަގަކުރައްވައި، ޖަޕާނަކީ ސަރަހައްދުގެ ސަލާމަތަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ހައްގު ލިބިފައިވާ މިނިވަން ގައުމެއް ކަމަށް ވިދާޅުވެފައެވެ. ވޫ ވިދާޅުވީ، "ޖަޕާނުން އެ ގައުމުގެ އަސްކަރީ ވަސީލަތްތައް ވަރުގަދަކުރުމަކީ އަސާސީ ގޮތެއްގައި ތައިވާން ސްޓްރެއިޓްގެ ސަލާމަތް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް" ކަމަށެވެ. އަދި "ޖަޕާނަކީ ތައިވާނާ ދިމާލަށް ސަރަހައްދީ އެދުމެއް ނުވަތަ ޢަދާވާތްތެރިކަމެއް ނެތް ގައުމަކަށް ވާތީ، މިކަމަކީ އަޅުގަނޑުމެންގެ ގައުމީ މަސްލަހަތުތަކަށް އެހީތެރިވެދޭނެ ކަމެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާދީއްތަ ދުވަހު ކޮއިޒޫމީ ވިދާޅުވީ، މިސައިލް ބެހެއްޓުމުގެ މަޤްޞަދަކީ ޔޮނަގުނި ރައްކާތެރިކުރުން ކަމަށާއި، "މި ޔުނިޓު ބެހެއްޓުމަކީ އަޅުގަނޑުމެންގެ ގައުމަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން" ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *