އިސްރާއީލުން ރޭގެ ވަގުތެއްގައި ޣައްޒާ ސިޓީގެ ބައެއް ތަންތަނަށާއި ޣައްޒާގެ މެދުތެރޭގެ މަޣާޒީ އާއި ނުސީރަތުގެ ރެފިއުޖީ ކޭމްޕްތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 11 މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
މަޣާޒީ އަދި ނުސީރަތު ރެފިއުޖީ ކޭމްޕްތަކުގައި ހުންނަ ގެއަކާއި ޔޫއެންއާރުޑަބްލިއުއޭ ގުދަނަކަށް އިސްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާގައި ނުވަ މީހަކު ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.
މީގެ އިތުރުން ޣައްޒާ ސިޓީގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ ދެ މީހަކު ޝަހީދުވެފައިވާކަން ވެސް މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ފަލަސްޠީނުގެ 38،038 މީހުން ޝަހީދުވެފައިވާއިރު، އިތުރު 87،445 މީހުން ޒަޚަމްވެފައިވާކަމަށް އެ ސަރަޙައްދުގެ ލޯކަލް ހެލްތު އޮތޯރިޓީން އެންމެ ފަހުން އާންމުކުރި އެންމެ ފަހުގެ އަޕްޑޭޓްތަކުން ދައްކައެވެ.


