މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަން، "އަލިމަގު" ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި ހޯދައި، 110 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތްތަކާއި، އެކަމުގައި ބައިވެރިވާ މީހުން ހޯދައި ހައްޔަރުކުރުމަށް ފެށި ބޮޑު މަސައްކަތެކެވެ.
އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ވިދާޅުވީ، މި މަހުގެ 1 އިން 13 އާ ހަމައަށް ކުރިއަށްދިޔަ މި އޮޕަރޭޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 500 ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި 39 ރަށެއްގައި އޮޕަރޭޝަން ހިންގައި، 105 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. މީގެ އިތުރުން ނުވަ އެއްގަމު އުޅަނދާއި، އެއް ކަނޑު އުޅަނދު ވެސް ފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި 110 މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ނާއިފް ވިދާޅުވިއެވެ. އަދި މި ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން 38 ފަރާތެއްގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ. ނާއިފް ވިދާޅުވީ، "ބަންދުގައި ތިބީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ މީހުން" ކަމަށެވެ.
ފުލުހުންގެ މި އޮޕަރޭޝަންގެ އެންމެ ބޮޑު ހަރަކާތްތަކެއް އެއް ވަގުތެއްގައި ކުރިއަށްދިޔައީ މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހުން ފެށިގެންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އޮޕަރޭޝަންގެ ދަށުން ޖުމްލަ 29.68 ކިލޯގެ މަސްތުވާތަކެތި ހޯދައިފައިވެއެވެ. ފުލުހުން ބުނެފައިވަނީ މިއީ ރާއްޖޭގެ މަސްތުވާތަކެތީގެ ވިޔަފާރިއަށް ދެވުނު ވަރަށް ބޮޑު ހަމަލާއެއް ކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.


