ޣައްޒާ – އިސްރާއީލުން ޣައްޒާގެ މެދުތެރެއާއި ހުޅަނގުގެ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ ފަސް މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ މެދުތެރޭގެ އަލް ޖަވާހަރާ ޓަވަރު ކައިރީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން ރައްޔިތަކު ވަނީ ޝަހީދުވެފައެވެ. އެމީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.
ޣައްޒާގެ ހުޅަނގުގައި އޮންނަ އަލްޝާޓީ ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ހަމަ މިފަދަ އެހެން ހަމަލާއެއްގައި ދެ ރައްޔިތަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވި އެވެ.
މީގެ އިތުރުން އިސްރާއީލުގެ އާޓިލަރީއިން މެދުތެރެއާއި ދެކުނު ރަފާއަށް މެދުކެނޑުމެއްނެތި ބަޑީގެ ހަމަލާތައް ދީފައިވާއިރު، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ރަފާގެ އުތުރުގެ ގެއަކަށް އަމާޒުކޮށްފައެވެ.
ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އިއްޔެ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 43 އަށް އަރާފައިވާއިރު، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްޠީނުގެ 37،551 މީހުން ޝަހީދުވެފައިވާއިރު، 85،911 މީހުންވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.


