ޣައްޒާ – އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މިއަދު ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 17 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މީގެތެރޭގައި އަލް ރާއީ އާއިލާއަށް ނިސްބަތްވާ ގެއަކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އަށް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.
ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް މަދޫން އާއިލާއަށް ނިސްބަތްވާ ވިޔަފާރީގެ ފިހާރަތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއާ ގުޅިގެން އެމްބިއުލާންސާއި މަދަނީ އެހީތެރިން ވަނީ އިތުރު ފަސް މީހެއްގެ ހަށިގަނޑު ހޯދާފަ އެވެ.
އަދި ބުރެއިޖް ކޭމްޕްގައި ހުންނަ ހާބް އާއިލާއަށް ނިސްބަތްވާ ގެއަކަށް އަމާޒުކޮށް އޮކިއުޕޭޝަން ހަނގުރާމަމަތީ މަތިންދާބޯޓުތައް އަމާޒުކޮށް ދިން ހަމަލާގައި، އާންމުންގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގެ ބައެއް ސަރަހައްދުތަކަށް ބާރުގަދަ ބަޑީގެ ހަމަލާތައް އިސްރާއިލްގެ ސިފައިން މިޙާރުވެސް ދަނީ ދެމުންނެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވަނީ އޯލް މުޣްރާކާ ސަރަހައްދާއި ޣައްޒާ ވާދީ ސަރަހައްދުގެ އުތުރުން، ނުސީރަތު ކޭމްޕުގެ އުތުރުން އޮންނަ ސަރަހައްދާއި، ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސިޓީގެ އިރުމަތީ ސަރަހައްދަށް ވެސް ސިލްސިލާ ހަމަލާތަކެއް ދީފަ އެވެ.
މީގެ އިތުރުން، ޣައްޒާ ސިޓީގެ ތަލް އަލް ހަވާ އާއި އަލް ޒައިތޫން އަވަށްތަކާއި، ނުސީރަތުގެ އުތުރުގައި އޮންނަ އަލް މުފްތީ ސަރަހައްދުގެ ދަނޑުބިންތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތައް ވެސް ދީފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޝަހީދުކޮށްލި އާންމުންގެ އަދަދު ވަނީ 37،347 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް ވަނީ 85،372 އަށް އަރާފައެވެ.


