ބެއިރޫތު – ލުބުނާނުގެ ދެކުނުގައި އޮންނަ އައިޓްރޯން އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުގެ އާންމުންގެ ދެ މީހަކު މަރުވެއްޖެ އެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންތު ޖޭބެއިލް ޑިސްޓްރިކްޓްގެ އައިޓްރޯން އަވަށުގެ ގޭސް ސްޓޭޝަނެއްގެ ތެރޭގައި ހުރި ކެފޭއަކަށް އަމާޒުކޮށް އިސްރާއީލުގެ ޑްރޯނަކުން ދެ ގައިޑެޑް މިސައިލަކާއެކު ވައިގެ މަގުން އިއްޔެ މެންދުރު ހަމަލާދީފައިވާ ކަމަށެވެ.
ވައިގެ ހަމަލާގެ ސަބަބުން ފިހާރައިގެ ވެރިޔާ އަލީ ޚަލީލް ހައްމާދު، 37، އާއި އާންމުންގެ މީހެއް ކަމަށްވާ މުސްތަފާ އީސާ ވަނީ މަރުވެފަ އެވެ. އެމްބިއުލާންސް ޓީމުތަކުން އެމީހުންގެ ހަށިގަނޑު ގެންދިޔައީ އަވަށްޓެރި އަވަށެއް ކަމަށްވާ ބިންތު ޖުބެއިލްގެ ސަލާހް ގަންޑޫރު ހޮސްޕިޓަލަށެވެ.
މި ހަމަލާގައި ފިހާރައަށާއި ގޭސް ސްޓޭޝަނާއި ކައިރީގައި ހުރި ފިހާރަތަކަށާއި ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ކިއާމް، މާކަބާ އަދި ހައުލާ އަވަށުގެ އިތުރުން މަޖްދާލް ޒޫން އާއި ޖެބްބޭން އަވަށާ ދެމެދުގެ ސަރަހައްދަށް ވެސް ވައިގެ ހަމަލާތަކެއް ދީފަ އެވެ. މީގެ އިތުރުން އިސްރާއީލުގެ އާޓިލަރީތަކުން ވަނީ އޮޑެއިސޭހާއި ޔަރޫން އަވަށުގެ ބޭރުގައި ވެސް ބޮން އަޅާފައެވެ.


