ކާބުލް: އަފްޣާނިސްތާނުގައި އާންމުންގެ ގަޔަށް ބަޑި ޖެހުން ހުއްޓާލުމަށް ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކަށް އދ އިން ގޮވާލައިފި އެވެ.
އަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަން (ޔޫއެންއޭއެމްއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އުތުރުގެ ސަރިޕުލް ޕްރޮވިންސްގައި 63 ވަރަކަށް އާންމުންގެ މީހުންނަށް ފާޅުގައި ބަޑީގެ ހަމަލާތަކެއް ދީފައިވެ އެވެ.
މިކަމާއި ގުޅިގެން ޔޫ.އެން.އޭ.އެމް.އޭ އިން އެކްސްގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައި ތަކުރާރުކޮށް ވަނީ، ޖިސްމާނީ އަދަބު ދިނުން ކުށްވެރިކޮށް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ވާޖިބުތަކަށް އިޙްތިރާމް ކުރުމަށް ގޮވާލާފައެވެ.
2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައި ފަހުން ވަނީ ހަރުކަށި އުސޫލުތަކެއް ތައާރަފްކޮށްފަ އެވެ. އަދި އާންމުންނަށް ފެންނަހެން މަރުގެ އަދަބު ދިނުމާއި އެކި ކަހަލަ އަދަބުތައް ދޭއިރު، ވައްކަމާއި ޒިނޭ ކުރުމާއި ރާ ބުއިން ފަދަ ކުށްތަކަށް ވެސް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ.


