Tuesday, 28 July 2026
Gettyimages

އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލާގައި ފަލަސްތީނުން ބައިވެރިވަނީ

އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ހިންގަމުންދާ ކަމަށް ބުނެ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލާގައި ބައިވެރިވުމުގެ ހުއްދައަށް ފަލަސްތީނުގެ އޮފިޝަލުން، "ފަލަސްތީނުގެ ދައުލަތް"ގެ ފަރާތުން އދ.ގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިފި އެވެ.

އެކަމަށް އެދި ހުށަހަޅާފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ފަލަސްތީނުގެ އެދުމަކީ އެޤައުމުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް، އެމީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދިއުމެވެ.

އަދި ތާރީޚީ ބޭއިންސާފާއި އިސްތިޢުމާރީ ބާރުތައް ނިމުމަކަށް ގެނައުމަށާއި، ފަލަސްޠީނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް ޖަވާބުދާރީކުރުވުމުގެ އަސާސެއްގެ ގޮތުގައި، ފަލަސްޠީނުގެ ޤާނޫނީ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް މަސައްކަތް ކުރާނެކަމަށް ބުނެފައިވެއެވެ.

ފަލަސްޠީނުގެ ދައުލަތުން ވަނީ ބައިނަލްއަޤްވާމީ މުޢާހަދާ "އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ޖެނޯސައިޑް"ގައި ބައިވެރިވާ ހުރިހާ ދައުލަތްތަކަކުން ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ ދަޢުވާގެ އިޖުރާއަތުތަކުގައި ބައިވެރިވެ، ފަލަސްޠީނުގެ ރައްޔިތުން ޖަރީމާގެ ކުށުން ސަލާމަތްކުރުމަށާއި، މުސްތަޤްބަލުގައި މި ނުރައްކާތެރި ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް ކަށަވަރުކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުގެ މައްޗަށް ބިނާވެފައިވާ ނިޒާމުގެ ހަރުދަނާކަން ދެމެހެއްޓުމަށް ގޮވާލާފައެވެ.

ފަލަސްތީނުގެ ދައުލަތުން ވަނީ އައިސީޖޭއިން ނެރެފައިވާ ރައްކާތެރިކަމުގެ އަމުރުތަކަށް ހުރިހާ ގައުމަކުން ވެސް ބޯލެނބުމަށް ގޮވާލައި، އެ އަމުރުތައް އަވަހަށް ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *