Tuesday, 28 July 2026

ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްނުކުރުމަށް ރައީސް ގޮވާލައްވައިފި

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ހެއްދެވި ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އޭގައި އިންމު، އިމްރާން އަރިހުން އެކްސިޑެންޓާ ގުޅިގެން އާންމު މީހާއަށް މާފުކޮށްދޭން އެދެއެވެ.

އެ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ކުރީގެ މިނިސްޓަރު އިމްރާނަށް ފާޑު ކިޔައިފައެވެ. އަދި، އަނެއް ބަޔަކު ވަނީ އިންތިޚާބީ މެންބަރުގެ ފަރާތުން ފެނުނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ވެސް ނުރުހުން ފާޅުކޮށްފައެވެ.

އެކަމާއި ގުޅިގެން ރައީސް މުއިއްޒު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާއީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.

ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމު ވެފައިވާ ކަމަށެވެ.

"ދީނީ ގޮތުންނާއި އިޖްތިމާއީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ!" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައުއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށްވެސް ރައީސް މުއިއްޒު ވަނި ގޮވާލައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *