Tuesday, 28 July 2026

ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ދެގުނަ ކުރުމަށް އޯއައިސީން ގޮވާލައިފި

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ކުރާ މަސައްކަތް ދެގުނަ ކުރުމަށް އޯއައިސީން މެމްބަރު ގައުމުތަކަށް ގޮވާލައިފި އެވެ.

މިމަހުގެ 4-5 އަށް ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ 15 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް ރިއާޔަތްކޮށްފައިވަނީ ފަލަސްޠީނުގެ ޙައްޤުގައެވެ

އެގޮތުން މި ސަމިޓުގައި ވަނީ ފަލަސްޠީނުގައި ހިނގަމުންދާ ނުރައްކާތެރި އަދި ހީވެސް ނުކުރާފަދަ ކަންތައްތަކަކާއި، ފަލަސްޠީނުގެ ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އަނިޔާވެރި ޙަމަލާތަކުގެ ޖަރީމާތަކަށް ރިއާޔަތްކޮށްފައި ވެއެވެ.

މި ސަމިޓުގައި ތަގުރީރު ކުރައްވަމުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ހިސީން ތާހާ ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ އޯއައިސީގެ މައިގަނޑު މައްސަލަ ކަމަށާއި ގުދުސް ހިމެނޭ ގޮތަށް ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކާއި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އެއްކުރުމަށް ކުރާ މަސައްކަތް ދެގުނަ ކުރުމަށް މެމްބަރު ގައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބައިނަލްއަގްވާމީ އެއްބާރުލުން ހޯދުމަށާއި އދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އޯއައިސީގެ މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

އަދި ޝަހީދުވި މީހުންނާއި، ޒަޚަމްވެފައިވާ މީހުންނާއި، ބަންދުގައި ތިބޭ މީހުންނާއި، އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުމުގެ އެކި އެކި ޖަރީމާތައް މީޑިއާގެ ތެރޭގައި ލިޔެ، ފާހަގަކުރުމަށް އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއޭޓްގައި މީޑިއާ އޮބްޒަވޭޓަރީއެއް އުފައްދަވާނެ ކަން އިއުލާނު ކުރެއްވިއެވެ.

މީގެ އިތުރުން ދާދި ފަހުން ރިޔާޒުގައި ބޭއްވި އަރަބި-އިސްލާމިކް ސަމިޓުގެ ނިންމުމާ އެއްގޮތަށް އިޒްރޭލުގެ ޖަރީމާތައް ޑޮކިއުމެންޓްކުރުމަށް ލީގަލް އޮބްޒަވޭޓަރީ އެކްޓިވޭޓް ކުރުމަށް ވެސް އޯއައިސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދި އޯ.އައި.ސީގެ މެންބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިންސާނީ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް އޯ.އައި.ސީއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ދެއްވިއެވެ.

މީގެއިތުރުން ކަޝްމީރުގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމަކީ ވެސް އޯއައިސީން އިސްކަންދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *