ކޮންމެ އަހަރެއްގެ މެއި މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ އުޞޫލުތަކަށް އިޙްތިރާމްކޮށް ދެމެހެއްޓުމަށް ވަރަށް މުހިންމު ދުވަހެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ ޙާލަތު ދެނެގަތުމަށާއި، މީޑިއާގެ މިނިވަންކަމާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި ހޯދާފައިވާ ކުރިއެރުންތައް ދެނެގަތުމަށާއި، ނޫސްވެރިންނަށް މަޢުލޫމާތު ދީ، މައުލޫމާތު ފޯރުކޮށްދިނުމުގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ހިތާމަވެރި ގޮތެއްގައި ފުރާނަ ގެއްލިފައިވާ ނޫސްވެރިންގެ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގެ ގޮތުގައި މި ދުވަހުގައި މަސައްކަތް ކުރެއެވެ.
މި ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު، ފަލަސްތީނުގެ މާތް ބިމުގައި މި ވާޖިބު އަދާކުރަމުންދަނިކޮށް ޝަހީދުވެފައިވާ ނޫސްވެރިނގެ މަތިވެރި ޤުރުބާނީ ހަނދާން އައު ކުރަން ޖެހެއެވެ.އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އަިސްޜާއިލުން ފަލަސްތީނަށް ހަމަލާދޭން ފެށިފަހުންސަތޭކައަށް ވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުން ވަނީ މަރާލާފައެވެ. އަދި މިކަން އެ ފެޑެރޭޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

އަދި އެ ފެޑެރޭޝަނުން ވަނީ ބައިނަލްއަގުވާމީ މަސްއޫލިއްޔަތުތަކާ އެއްގޮތަށް ނޫސްވެރިންގެ ފުރާނަ އާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކަށާއި ހާއްސަކޮށް އިސްރާއީލު ސަރުކާރަށް ގޮވާލާފަ އެވެ.
ޣައްޒާގައި ނޫސްވެރިން މަރުވި އަދަދަކީ މުޅި ދުނިޔެ ލަދުވެތި ވާންޖެހޭ ފަދަ އަދަދެކެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 142 ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ މީހުން ޝަހީދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިހާތަނަށް މީޑިއާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. މީގެ އަނެއް ބޮޑު ގެއްލުމެއް ލިބެނީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލު ސަރުކާރުން ޣައްޒާއަށް އާންމުން ވަނުމަށް ހުރަސް އެޅުމުން އައިއެފްޖޭއިން ވަނީ ބޭރުގެ ނޫސްތައް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދިނުމަށާއި ނޫސްވެރިންގެ މަސައްކަތާއި އާންމުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ހުއްޓާލުމަށް އިސްރާއީލަށް އެތައް ފަހަރަކު ގޮވާލާފައެވެ. އެހެންނަމަވެސް ފަލަސްތީނުގެ ނޫސްވެރިންނަށް ލިބިފައިވާ މައުލޫމާތު ހޯދައި ފާޅުކުރުމުގެ ހައްގު އަދާކުރަންޖެހުނީ ފުރާނައިންނެވެ.

ނުރައްކާތެރިކަމާއެކު، އަމިއްލަ ނަފްސަށް އަނިޔާވި ނަމަވެސް ދުނިޔެއަށް ޣައްޒާ ދައްކުވައިދިން ލޮލާއި ކަންފަތަކަށް ވި ހަމައެކަނި ވަސީލަތަކީ ނޫސްވެރިންނެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރަކީ "އަ ޕްރެސް ފޯ ދަ ޕްލެނެޓް: ޖާނަލިޒަމް އިން ދަ ފޭސް އޮފް ދަ އެންވަޔަރަންމަންޓް ކްރައިސިސް" އެވެ.


