ރޮއިޓާސްގެ ފޮޓޯގްރާފަރު މުހައްމަދު ސަލީމް މި އަހަރުގެ ވޯލްޑް ޕްރެސް ފޮޓޯ އޮފް ދަ އިޔާ އެވޯޑް މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގަތީ ޣައްޒާގައި ލިބުނު ގެއްލުމާއި ހިތާމައިގެ މަންޒަރު ދައްކުވައިދޭ ފޮޓޯއަކާ އެކު އެވެ.
ސަލީމްގެ އަމިއްލަ ދަރިފުޅު އުފަންވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ޚާން ޔުނިސްގައި ނަގާފައިވާ މި ފޮޓޯއިން ފެންނަގޮތުގައި އުމުރުން 36 އަހަރުގެ އިނާސް އަބޫ މާމާރުގެ ގެއަށް އިޒްރޭލުން ދިން މިސައިލުގެ ހަމަލާއެއްގައި ޝަހީދުވި އޭނާއަށް ބޮޑުދައިތަ ކިޔާ ފަސް އަހަރުގެ ކޮއްކޮ ހިފަހައްޓައިގެން އިންނަ މަންޒަރެވެ.
ފަލަސްތީނަށް ނިސްބަތްވާ ސަލީމް \މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ހުށަހަޅާފައިވާ މި ފޮޓޯ އާންމުކޮށްފައިވަނީ ވަނީ ޣައްޒާގައި ހިނގަމުންދާ ކަންކަމުގެ ފުޅާ އިހުސާސް ހާމަކޮށްދޭ ބާރުގަދަ އަދި ހިތާމަވެރި ވަގުތެއްގެ ގޮތުގަ އެވެ.
ދަ ގާޑިއަން ނޫހުގެ ހެޑް އޮފް ފޮޓޯގްރަފީ، ގްލޯބަލް ޖޫރީގެ ޗެއާ ފިޔޯނާ ޝީލްޑްސް ވިދާޅުވި ގޮތުގައި އެ ފޮޓޯއިން ހަގީގަތުގައި ވެސް މި އިހުސާސް ދައްކުވައިދެ އެވެ. އަދި މިއީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށް ވިދާޅުވެފައެވެ.
ވޯލްޑް ޕްރެސް ފޮޓޯ ޖޫރީއިން ވަނީ މި ޝޮޓުން ފެންނަ އަޅާލުމާއި އިހުތިރާމްގެ އިހުސާސްތަކަށް ތައުރީފްކޮށް ،ހީވެސް ނުކުރެވޭ ވަރުގެ ގެއްލުމެއްގެ ލަފުޒީ މަންޒަރެއް ހުށަހަޅައިދީފަވާކަމަށް ބުނެފައެވެ.


