Tuesday, 28 July 2026

މަޣާޒީ ރެފިއުޖީ ކޭމްޕަށް އިސްރާއިލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް މަޣާޒީ ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިން އިއްޔެ ހަވީރު އާ ޖަރީމާއެއް ހިންގައި 11 މީހުން ޝަހީދުކޮށްލައިފި އެވެ. އެތައް ބަޔަކު ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އިޒްރޭލުން ރެފިއުޖީ ކޭމްޕުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ސިލްސިލާ ވައިގެ ހަމަލާތަކުގައި 11 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ. އަދި މި ހަމަލާގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ހަމައެއާއެކު، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރުގައި ވަރުގަދަ ހަމަލާތަކެއް ދީ، ޣައްޒާ ސިޓީގެ އުތުރުން އަލްނަފާޤް މަގުގައި ހުންނަ ހަސޫނާ އާއިލާއަށް ނިސްބަތްވާ ހަތަރު ބުރީގެ ގެއެއް ހަލާކުކޮށް، ވަށައިގެންވާ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އާޓިލަރީތަކުން ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕާއި އެސަރަހައްދުގެ ބޭރުގައި ހުރި ބައެއް ގެތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި ކޭމްޕުގެ އުތުރުގެ ސަރަހައްދުތަކުގައި ހުންނަ ފަޔާދު ޓަވަރުގެ އެންމެ މަތީ ތިން ފަންގިފިލާ ވެސް ހަލާކުކޮށްލައި، އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާގެ ދެކުނުގައި ވާ ޚާން ޔުނިސްއަށް ވެސް ވަރުގަދަ ވައިގެ ހަމަލާއެއް ދީފައެވެ. އަދި އެމްބިއުލާންސް އާއި ރެސްކިއު ޓީމުން ވަނީ އެ ސިޓީގެ ހުޅަނގުގައި އޮންނަ އަލް އަމާލް އަވަށުން ހަ ޝަހީދުންގެ ހަށިގަނޑު ހޯދާފަ އެވެ.

މީގެ ކުރިން ވެސް ޣައްޒާގެ މެދުތެރޭގެ ޓުފާ އަވަށުގައި އިޒްރޭލުން ވެހިކަލްތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އަށް ރައްޔިތަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވި އެވެ.

މީގެ އިތުރުން ނުސީރަތު ރެފިއުޖީ ކޭމްޕްގެ އުތުރުން އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވި އެވެ. އަދި ކޭމްޕުގެ އުތުރުން މީހުން ދިރިއުޅޭ ބައެއް ގެތައް ވެސް އޮކިއުޕޭޝަން ފޯސްއިން ވަނީ ތަޅާލައިފަ އެވެ.

ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިން ޖެހިޖެހިގެން ދެ ވަނަ ދުވަހު ވެސް ބެއިޓް ހަނޫން އަވަށުގައި ތިބި ހުރިހާ އާއިލާތަކެއް ހުސްކުރަން މަޖުބޫރުކޮށް، ގިނަ ޒުވާނުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 33،843 މީހުން ޝަހީދުވެފައިވާއިރު، 76،575 މީހުން ވަނީ ޒަޚަމްވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *