ޣައްޒާ، ހުކުރު، މާޗް 22، 2024 (ވަފާ): ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީގެ އިރުއުތުރަށް މިއަދު ފަތިހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ ތެރެއިން ތިން ކުޑަކުދިންނާއެކު އެތައް ބަޔަކު ޝަހީދުވެ ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަފާގެ އިރު އުތުރުގައި އޮންނަ ނަސްރުގެ އަވަށުގައި މީހުން ދިރިއުޅޭ އިމާރާތަކަށް ސިފައިން އަމާޒުކޮށް ދިން ހަމަލާތަކުގައި އަށް މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވި އެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި 3 ކުޑަކުދިންނާއި 3 އަންހެނުން ހިމެނޭ ކަމަށާއި އަނިޔާވި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ދީރް އަލް ބަލާހުގެ ތަރާޒީ މަގުގައި ހުރި ގެއަކަށް ބޮން އަޅާފައެވެ.
ހަމައެއާއެކު، އިސްރާއީލުން ޣައްޒާ ސިޓީގެ ޝިފާ މެޑިކަލް ކޮމްޕްލެކްސްއަށް އަރައި، އެ ތަނުގެ ކައިރީގައި އެތައް ސަތޭކަ ޓޭންކާއި ވެހިކަލްތަކެއް ދަނީ ބަހައްޓަމުންނެވެ. މީގެ އިތުރުން، ހިފާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ހަމަލާތައް ފެތުރެން ފެށި ފަހުން ޣައްޒާގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ގާތްގަނޑަކަށް 32،000 އަރައެވެ. އަދި 74،188 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާއާ ދެކޮޅަށް މިހާރު ހިނގަމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ 85 އިންސައްތަ އަށްވުރެ ގިނަ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހަށް ބޭނުންޖެހިފައެވެ.


