ޣައްޒާ (މާޗް 18) – ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ޣައްޒާގެ މެދުތެރޭގެ ނުސީރަތު ކޭމްޕްގެ ގެއަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ނުވަ ރައްޔިތަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ.
މީގެ އިތުރުން ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ތެރޭގައި އިސްރާއީލު ސިފައިން ހިންގި ބަޑީގެ ހަމަލާތަކުގައި އާންމުންގެ ގިނަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
އަލް-ރެމާލް އަވަށުގައި ހުންނަ މެޑިކަލް ކޮމްޕްލެކްސްގެ ތެރޭގައި ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ މީހުންނާއި ބަލިމީހުންނާއި މެޑިކަލް ޓީމްތަކާއި ނޫސްވެރިން ތިއްބައި އިސްރާއިލްގެ ސިފައިން އެތަން ވަށާލުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް މެޑިކަލް އަދި ލޯކަލް މަސްދަރުތަކުން ބުނެއެވެ.
އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ތެލް އަލް ހަވާ އަވަށުގެ ފެލްފެލް އާއިލާއަށް ނިސްބަތްވާ ގެއަކަށް ވެސް ހަމަލާދީފަ އެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ މެދުތެރެއާއި ހުޅަނގުގެ ޚާން ޔުނިސް ސިޓީގެ ސަރަޙައްދުތަކަށް އިސްރާއީލުގެ އާޓިލަރީއިން ބޮޑެތި ހަމަލާތަކެއް ދީފައިވާއިރު، އިސްރާއީލުގެ ބަޑީގެ ބޯޓުތަކުން ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޝާޓީ ރެފިއުޖީ ކޭމްޕްގެ ހުޅަނގު އުތުރުން ބޮން ގޮއްވާލާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 31،645 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އެތައް ހާސް ބަޔަކު ކުނިތަކުގެ ދަށުގައި މަރުވެފައިވާ ކަމަށް ބެލެވެ އެވެ.


