ބަރަކާތްތެރި ރަމަޟާން މަސް މާދަމާ މުސްލިމުންނާއި ބައްދަލުކުރާއިރު، އިސްރާއީލުން ވަށާލާފައިވާ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވައިގެ މަގުންނާއި އެއްގަމާއި ކަނޑުގެ ސަރަހައްދުން ދިން ބޮމުގެ ހަމަލާތަކުގައި ކުޑަކުދިންނާއެކު ފަލަސްތީނުގެ ކުށެއް ނެތް އެތައް އާންމުންނެއް ފާއިތުވި ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ ލޯކަލް އަދި މެޑިކަލް ރިޕޯޓްތައް ބުނެފި އެވެ.
ޣައްޒާގެ އުތުރުގައި އިޒްރޭލުން ބެއިޓް ލަހިއާ ޕްރޮޖެކްޓް ސަރަހައްދުގެ އަބޫ އަލް ކުމްސާން މިސްކިތް ކައިރީގައި ހުރި ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެތައް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ޒަހަމްވި އެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި، ޓެލެކޮމިއުނިކޭޝަންތަކަށް ބުރޫ އަރާފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ރިޕޯޓްކޮށްފައިވާއިރު، އެ ކޭމްޕުގެ ބައެއް ގެތަކަށާއި މާރުކޭޓު ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން އެ ކޭމްޕުގައި އަލިފާން ރޯވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ވަނީ ބުނެފަ އެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ޕްރޮވިންސްގައި، އަލްފަޚާރީ އަވަށުގެ އިރުމަތީ ސަރަޙައްދުތަކަށް އިސްރާއީލުން ދިން ބަޑީގެ ޙަމަލާތަކުގެ ސަބަބުން އެޤައުމުގެ ގިނަ އާއްމުންނެއް ވަނީ ޝަހީދުވެ ޒަޙަމްވެފައެވެ. މީގެއިތުރުން އިޒްރޭލުން ވަނީ ޚާން ޔުނިސް ސިޓީގެ ދެކުނުގެ ސަރަހައްދުތަކަށާއި ޣައްޒާގެ މެދުތެރޭގެ އަލްމަތާހޭން، އަލް ޒަވައިދާ އަދި ޖުހޯރު އަލް ޑިކް ފަދަ އަވަށްތަކަށާއި އަވަށްތަކަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ކުވައިތު ރައުންޑްއަބައުޓްގައި އެހީގެ އިންތިޒާރުގައި ތިބި އާއްމުންނަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައިވެސް ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް ވާފާ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޣައްޒާގެ މެދުގައި ވާ ދީރް އަލް ބަލާހަށް އިސްރާއީލުން ދިން ވައިގެ ޙަމަލާއެއްގައި ފަލަސްޠީނުގެ ފަސް މީހަކު ޝަހީދުކޮށްލިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް 30،960 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި މި ހަމަލާތަކުގައި އިތުރު 72،524 މީހުން ޒަޚަމްވެފައިވާކަމަށް އެޤައުމުގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.
އިޒްރޭލު ސިފައިން އެމްބިއުލާންސާއި މަދަނީ ދިފާއީ ފަޅުވެރިންނަށް ވަނުމަށް ހުރަސް އެޅުމުގެ ސަބަބުން އެތައް ހާސް ބަޔަކު ކުނިތަކެއްގެ ދަށުގައި އަދި މަގުމަތީގައި މަރުވާން ދޫކޮށްލާފައިވާ ކަމަށް ބެލެވޭތީ، މި އަދަދުތައް އިތުރުވާނެކަމަށް ބެލެވެއެވެ.


