ޣައްޒާގައި މިދިޔަ ހަފުތާގައި އެހީއަށް ފޮނުވި ފުށް ނެގުމަށް އެއްވި 112 މީހުން ޝަހީދުކޮށްލި އިސްރާއީލު ސިފައިން ހިންގި ހަމަނުޖެހުންތަކަކީ ފަލަސްތީނުގެ ވަށައިގެންވާ އެންކްލޭވްގައި ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމުގެ ނިޒާމު ހަލާކުވެ، ބަނޑުހައިހޫނުކަމުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ހިންގި ލާއިންސާނީ ހަމަނުޖެހުންތަކެއް ކަމަށް އދގެ ތަޖުރިބާކާރުން އެކަން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުން ދަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ތިބި ފަލަސްތީންނަށް ދަތިކޮށް ބަނޑުހައިހޫނުކަމުގައި އުޅުމަށް މަޖިބޫރުކުރަމުންނެވެ. މިހާރު އިޒްރޭލުން އަމާޒުކުރަނީ އިންސާނީ ދޭ ގާފިލާތަކަށް އެދޭ އާންމުންނަށް ކަމަށް އދގެ ތަޖުރިބާކާރުން ވިދާޅުވި އެވެ. އިޒްރޭލުން ބަނޑުހައިހޫނުކަމާއި އާންމުންނަށް އަމާޒުކޮށް ހިންގާ މި ލާއިންސާނީ ކެމްޕޭން ހުއްޓާލަން ޖެހޭ ކަމަށް އދ އިން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުން ފުށް ނެގުމަށް އެއްވި ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި 112 މީހުން މަރުވެ 760 އެއްހާ މީހުން ޒަޚަމްވި އެވެ.
"މި ހަމަލާ ދީފައި މިވަނީ އިސްރާއީލުން ޣައްޒާ ސިޓީ އާއި ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އިންސާނީ އެހީ ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ދަނޑިވަޅެއްގަ" ތަޖުރިބާކާރުން ވިދާޅުވި އެވެ.
ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ހިންގި ގަތުލުއާންމުގައި އިސްރާއީލުން ފަލަސްތީނުގެ އާންމުންނަށް އެހީތެރިކަން ހޯދުމުގެ ގޮތުން ދިން ހަމަލާތަކުގެ ވައްޓަފާޅިއާ އެއްގޮތަށް ކަންކަން ހިނގާފައިވާ ކަމަށާއި، ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ޓްރަކްތަކުން ނުވަތަ އެއާޑްރޮޕްތަކުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްވެ ތިބި މީހުންނަށް ބަޑިޖެހުމާއި، ބޮން އެޅުމާއި، އަމާޒުކުރުމުގެ 14 އަށް ވުރެ ގިނަ ހާދިސާ ރެކޯޑްކުރެވިފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.


