އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ދެމުންދާ ލާއިންސާނީ ހަމަލާތަކަށް އާދީއްތަ ދުވަހު 100 ވަނަ ދުވަސް ވެފައިވާއިރު، އެ ހަނގުރާމަ އަށް ނިމުމެއް އައުމުގެ ކޮޅުމަތިވެސް އަދި ނުފެނެ އެވެ.
މި ހަނގުރާމައަކީ އިސްރާއީލާއި ފަލަސްތީނުގެ މެދުގައި ޒަމާނުއްސުރެ ހިނގަމުން ދިޔަ ހަމަނުޖެހުންތަކުގެ ތެރެއިންވެސް ތާރީހުގައި މިހާތަނަށް ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު އަދި އެންމެ ބޮޑަށް ސުންނާފަތި ކުރުވި ހަނގުރާމަ އެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާއި އިސްރާއީލުގެ އޮފިޝަލުންގެ އިތުރުން ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި އެހީދޭ ޖަމާއަތްތަކުން އިންތިޒާމުކޮށްގެން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އަދަދުތަކަށް ވަނީ 7 އޮކްޓޫބަރު 2023އިން ފެށިގެން މިހާތަނަށް ހީވެސް ނުކުރާހާ މައްޗަށް ޖެހިފަ އެވެ.
އެގޮތުން ޣައްޒާގައި ފަލަސްތީނުގެ 23،708 މީހަކު މިއަދާއި ހަމަޔަށް ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެތެރޭގައި 10،000އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 347 މީހުންވަނީ ޝަހީދުވެފަ އެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިމާރާތްތަކުގެ 45-56 އިންސައްތަވަނީ ހަލާކުވެގެން ގޮސްފަ އެވެ. މީގެތެރޭގައި ޣައްޒާގެ ސްކޫލްތަކާއި، މިސްކިތަތްތައް އަދި ހޮސްޕިޓަލްތައްވެސް ހިމެނެއެވެ. އަދި 1.8 މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލިފަ އެވެ.
ފަލަސްތީނުގެ 60،005 މީހުންވަނީ ހަމަލާތަކުގައި ޒަހަމްވެފަ އެވެ. އަދ ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 4،000 އަށް ވުރެ ގިނަ މީހުންވަނީ ޒަހަމްވެފަ އެވެ. ހަނގުރާމައިެ ސަބަބުން ފަލަސްތީނުގެ 576،600 އާންމުން ވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފަ އެވެ.


