Tuesday, 28 July 2026

ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރުތަކަށް ހޫޘީން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އދ. އިން ގޮވާލައިފި

ޔަމަނުގެ ހޫޘީން ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، މިދިޔަ އަހަރު ހިފެހެއްޓި ޖަޕާނުން ހިންގާ ގެލެކްސީ ލީޑަރު ދޫކޮށްލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

ބުދަ ދުވަހު ކައުންސިލްގެ 11 މެމްބަރަކު ވަނީ އީރާނާ ގުޅިފައިވާ ހޫތީންނަށް "ދުނިޔޭގެ ވިޔަފާރީގެ އަދި ކަނޑުދަތުރުފަތުރުގެ ހައްގުތަކާއި މިނިވަންކަމާއި ސަރަހައްދީ ސުލްހައަށް ހުރަސް އެޅޭ ހުރިހާ ހަމަލާތަކެއް ވަގުތުން ހުއްޓާލުމަށް" ގޮވާލާފައެވެ.

މި ވޯޓުގައި އަލްޖީރިއާ، ޗައިނާ، މޮޒަމްބިކް އަދި ރަޝިއާ ފަދަ ހަތަރު މެމްބަރަކު ބައިވެރިއެއް ނުވެއެވެ. މި ގަރާރާއި ދެކޮޅަށް އެއްވެސް ބަޔަކު ވޯޓު ދީފައި ނުވާއިރު، ޗައިނާ އާއި ރަޝިއާއިން ވީޓޯ ކުރީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ ހައިސިއްޔަތުންނެވެ. މި ގަރާރު ސްޕޮންސާކޮށްފައި ވަނީ ޖަޕާނާ އެކު އެމެރިކާއެވެ.

ވޯޓަށް ފަހު އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވީ، ހޫތީންނަށް މިއަދު ދުނިޔެ އިން ދިން މެސެޖު ވަރަށް ސާފު ކަމަށާއި، ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.

އެމެރިކާއިން ބުނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ގެލެކްސީ ލީޑަރާއި އަދި އެ އުޅަނދުގައި ތިބި އެކި ޤައުމުތަކަށް ނިސްބަތްވާ 25 ކްރޫން ހިފެހެއްޓުމުގެ އިތުރުންވެސް ހޫތީން ވަނީ ރަތް ކަނޑުގެ ވިޔަފާރި އުޅަނދުތަކަށް 26 ހަމަލާއެއް ދީފައި ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އިސްރާއީލާ ގުޅުން ހުރި ނުވަތަ އިސްރާއީލަށް ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނަ ކަމަށް ހޫތީން ބުނަމުން ދިޔަ ނަމަވެސް، ގިނަ އުޅަނދުތަކަކީ އެ ގައުމާ އެއްވެސް ގުޅުމެއް އޮތް އުޅަނދެއް ނޫން ކަމަށާއި، ގިނަ އުޅަނދުތައް އެ ސަރަހައްދުން މުޅިން ދުރުވާން ފަށާފައިވާ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރުގެ މައިގަނޑު މާއްދާގައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އދ.ގެ މެމްބަރު ގައުމުތަކަށް "އެ ގައުމުތަކުގެ އުޅަނދުތައް ހަމަލާއިން ދިފާއުކުރުމުގެ ހައްގު، އޭގެ ތެރޭގައި ނެވިގޭޝަނަލް ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ފަދަ ކަންކަން ހިމެނޭ" ކަން ފާހަގަކޮށްފަ އެވެ.

މި މާއްދާއަކީ ހޫތީންގެ ހަމަލާތަކުން ވިޔަފާރީގެ ޝިޕިން ދިފާއުކުރުމަށް މިދިޔަ ޑިސެމްބަރު މަހު އުފެއްދި އިނގިރޭސިވިލާތާއި ނޯވޭ ހިމެނޭ ގޮތަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ މަލްޓިނޭޝަނަލް ނޭވަލް ޓާސްކް ފޯސް އެއް ކަމަށްވާ އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން އަށް ތާއީދު ކުރުމެވެ.

ނޯވޭއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މާޗަންޓް ޝިޕިން ފްލީޓް އޮންނަ ގައުމަކަށް ވާއިރު، އެ ގައުމުގެ އުޅަނދުތަކަށް ހޫތީން ވަނީ ހަމަލާދީފަ އެވެ.

މީގެ ކުރިން ބުދަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހޫތީންގެ 21 މިސައިލާއި ޑްރޯން ވައްޓާލާފައިވާ ކަމަށާއި އެއީ ދެކުނު ރަތް ކަނޑުގެ ޝިޕިން ލޭންތަކަށް ދިން "ކޮމްޕްލެކްސް އެޓޭކް" އެއް ކަމަށެވެ. ހޫތީންގެ ހަމަލާ ނާކާމިޔާބު ކުރުމަށް އެމެރިކާއާ އެކު މަސައްކަތް ކުރި އިނގިރޭސިވިލާތުން ބުނީ މިއީ މިހާތަނަށް އެ ސަރަހައްދުގައި ހިނގި އެންމެ ބޮޑު ހަމަލާ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް އީރާނުން ހޫތީންގެ ހަމަލާތަކަށް މުހިންމު އެއްބާރުލުމެއް ދޭ ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ. ނަމަވެސް ތެހެރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ޔަމަނުގައި ހުންނަ ހޫތީންގެ އެންމެ މަތީ އިންގިލާބީ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ އަލް ހޫތީ ވަނީ އދ.ގެ ގަރާރަކީ ސިޔާސީ ކުޅިވަރެއް ކަމަށް ވިދާޅުވެ، އެމެރިކާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ގައުމެއް ކަމަށް ވިދާޅުވެފަ އެވެ.

ރަތް ކަނޑުން މެދުއިރުމައްޗާއި އޭޝިއާ ޔޫރަޕާ ގުޅުވާލަނީ ސުއޭޒް ކެނަލް އާއި އެ ސަރަހައްދުގައި ހަނިކޮށް އޮންނަ ބާބް އަލް މަންޑޭބް ކަނޑުއޮޅިންނެވެ. ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 10 އިންސައްތަ އާއި ގާތްގަނޑަކަށް އެއް ޓްރިލިއަން ޑޮލަރުގެ މުދާ އުފުލާ އުޅަނދުތައް ކޮންމެ އަހަރަކުވެސް އެ ކަނޑުއޮޅިން ދަތުރުކުރެއެވެ.

ޔަމަނުގެ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރާ އެކު ހޫތީން ދަނީ 2014 ވަނަ އަހަރުން ފެށިގެން ދާހިލީ ހަނގުރާމައެއް ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *