ލުބުނާނުގެ ދެކުނުގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުاللهގެ އިސް ކޮމާންޑަރު ވިސާމް އަލް ތަވީލް މަރާލާފައިވާ ކަމަށް ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުން ބުނެފި އެވެ.
ހިޒްބުالله އިން އިސްރާއީލު ސިފައިންނާ އެކު ބޯޑަރު ހުރަސްކޮށް ތިން މަސް ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އެ ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދުކޮށްލިކަން އިއުލާނުކުރި މިއީ ފުރަތަމަ ފަހަރެވެ.
އުމުރުން 58 އަހަރުގެ އަލްތަވިލް އަކީ އެލީޓް ރަދުވާން ފޯސްގެ ޔުނިޓެއްގެ ޑެޕިއުޓީ ހެޑެވެ.
ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިޒްރޭލުގެ ޑްރޯންއަކުން އިއްޔެ ހެނދުނު 10:15 ހާއިރު ބިންތު ޖޭބެލް ޑިސްޓްރިކްޓްގެ ކިރްބެތު ސެލްމް އަވަށުގެ އަލްދާބްޝާހް އަށް ދިޔަ މަގުމަތީގައި ކަމަށެވެ. އެ ހަމަލާގައި ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
އަލްތަވީލަކީ އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށި ފަހުން ޝަހީދުވި ހިޒްބުاللهގެ އެންމެ މަތީ ދަރަޖައިގެ މެމްބަރެވެ.
ހިޒްބުالله އިން ބުނީ އޭނާ އެ ޖަމާއަތާ ގުޅިވަޑައިގަތީ 1989 ވަނަ އަހަރު ކަމަށާއި 2000 ވަނަ އަހަރުގެ ކުރިން ލުބްނާނުގެ ދެކުނުގެ ސަރަހައްދުތައް ހިފުމުގެ ތެރޭގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް ހިންގި "ކޮލިޓޭޓިވް" އޮޕަރޭޝަންތަކުގައި ބައިވެރިވި ކަމަށާއި 1999 ވަނަ އަހަރު ދިން ހަމަލާއެއްގައި ބޮޑެތި ޒަހަމްތަކެއް ލިބުނުކަމަށެވެ.
މިދިޔަ ހަފުތާގައި ބެއިރޫތުގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު އަވަހާރަކޮށްލި ފަދައިން އަލްތަވީލް އަވަހާރަކޮށްލުމުން ވެސް ބޮޑު ހަމަނުޖެހުމެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުالله އިން 130 އަށް ވުރެ ގިނަ ހަނގުރާމަވެރިން ގެއްލިފައިވާއިރު، އަލްތަވީލް އަވަހާރަކޮށްލުމުން ޣައްޒާގެ ހަނގުރާމަ ލުބުނާނާއި އެހެން ހިސާބުތަކަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ލުބްނާނުގައި ހުންނަ އދ.ގެ ސުލްހަ ބަލަހައްޓާ މިޝަނުން ވަނީ އިޒްރޭލާއި ލުބްނާނުގެ ބޯޑަރު ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް އުފެދިއްޖެ ނަމަ އެކަމުގެ ސަބަބުން ބޯޑަރުގެ ދެ ފަރާތުގެ ރައްޔިތުންނަށް ނުރައްކާތެރި ނަތީޖާތަކެއް ނުކުންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.


