ލޭޑީސް ފިންގަރ އަކީ ދިވެހިންގެ ކެއުމުގައި އެންމެ މަދުން ބޭނުންކުރެވޭ ތަރުކާރީގެ އެއް ބާވަތެވެ. ގިނަ އަދަދަކަށް ލޮނދި ހިމެނޭ މި ތަރުކާރީއަކީ އޭގައި ސިއްހަތަަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ.
މިއީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، ވިޓަމިންސް، އެންޒައިމްސް، ކެލްސިއަމް، ޕޮޓޭސިއަމް އަދި މި ނޫނަސް ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކެއް ހިމެނޭ އެއްޗެކެވެ. ލޭޑީސްފިންގާ އާއްމުކޮށް ހައްދާ އުޅޭނީ ހޫނުގަދަ ހިސާބުތަކުގަ އެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި ވެސް މި ބާވަތް ހައްދާ އުޅެއެވެ.
މިއީ ލޭގެ ޕްރެޝަރު ކޮންޓްތޯލް ކުރުމަށާއި ހަކުރު ދަށް ކުރުމަށްވެސް އެހީތެރިވެދޭ ތަރުކާރީގެ ބާވަތެކެވެ. އަދި މީގައި ކެލޮރީސް ހިމެނޭ މިންވަރު މަދުވުމުގެ ސަބަބުން މިއީ ބަރުދަން ލުއިކޮށްދޭ ބާވަތެއްވެސް މެއެވެ. އެހެންކަމުން ބަރުދަން ލުއިކުރަން މަސައްކަތްކުރާ ކޮންމެމީހަކުވެސް ކެއުމުގައި ލޭޑީސްފިންގާ ބޭނުންކުރުމަކީ ވަރަށްވެސް ބޭނުންތެރިކަމެކެވެ.
ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްސް ކިޔާ މޮލިކިއުލްއަކީ ސެލްތައް ހަލާކުކޮށް ކެންސަރަށް މަގުފަހި ކުރުވާ އެއްޗެކެވެ. ކާނާގެ ބައެއް ބާވަތްތަކުގައި ހިމެނޭ އެންޓައި އެކްސިޑެންޓް ކިޔާ މާއްދާއަކީ ހަށިގަނޑުގައި އުފެދޭ މިފަދަ ފްރީ ރެޑިކަލްތައް ނައްތާލާ މާއްދާއެކެވެ. ލޭޑިސް ފިންގާގައި ހުންނަ ޕޮލީފެނޯލް އާއި ވިޓަމިން އޭ އަދި ވިޓަމިން ސީއަކީ މިދެންނެވި އެންޓި އޮކްސިޑެންޓްގެ ތެރޭގައި ހިމެނޭ ކެންސަރާއި ހަނގުރާމަކުރާ ބާވަތްތަކެކެވެ. މީގެއިތުރުން ކެންސަރ ސެލް ބްލޮކް ކުރާ ލެކްޓިން ކިޔާ މާއްދާއެއްވެސް ލޭޑިސް ފިންގާގައި އެކުލެވިގެންވެއެވެ. އެހެންކަމުން މިއީ ކެންސަރު ބަލިން މީހާ ދިފާޢުކޮށްދީ، އެބަލިން ރައްކާތެރިވެ ދެމިހުރުމަށް މަގުފަހިކޮށްދޭނެ ތަރުކާރީއެކެވެ.
ލޭޑިސް ފިންގާގައި ހުންނަ ޕޮލީފެނޯލްއަކީ ލޭ ގަނޑުވުމުންނާއި ފްރީ ރެޑިކަލްސް ހަށިގަނޑުގައި އެފެދުމުން ދުރުކޮށްދޭ އެއްޗަކަށް ވުމުން ސްޓްރޯކް ޖެހުމުންވެސް ރައްކާތެރިކޮށްދެއެވެ. އަދި މީގައި ހިމެނޭ އެންޓިއޮކްސިޑެންޓުގެ ސަބަބުން ސިކުނޑި އިންފްލޭމްވުމުންވެސް ދުރުކޮށްދެއެވެ. މީގެ އިތުރުން ލޭޑީސް ފިންގާގައި ޖެލީ ގޮތަށް ހުންނަ ތަތް މާއްދާއަކީ ކޮލެސްޓްރޯލްއާއި އެކުވެ ހަށިގަނޑުން ކޮލެސްޓްރޯލް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެއްކަންވެސް ފާހަގަ ކުރެވެއެވެ. އެހެންކަމުން މިއީ ސިކުނޑީއާއި ހިތުގެ ދުޅަހެޔޮ ކަމަށް ކެއުމުގައި ކޮންމެހެންވެސް ހިމަނަންޖެހޭ މުހިންމު ތަރުކާރީއެކެވެ.


