ކ. ފުށިދިއްގަރުފަޅުން 1،100 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކުރުމުގައި ހާމަކަން ބޮޑު ދެފުށް ފެންނަ އުސޫލެއް ނެތް ކަމަށް ބުނެ 'ދިވެހިންގެ ބިން ދިވެހިންނަށް' ނަމުގައި ގައުމީ އިދިކޮޅު ހަރަކާތެއް ފެށިކަން މިއަދު އިއުލާންކޮށްފިއެވެ.
އެ ހަރަކާތް އިއުލާންކުރުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ބައެއް އިސް މެންބަރުންނާއި، ކުރީގެ ރައީސް އަަބްދުﷲ ޔާމީނުގެ ޕީއެންއެފްއާއި، ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން، އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. ހަރަކާތް އިއުލާންކުރެއްވީ އިމްރާނެވެ.
"އަޅުގަނޑުމެން މިއަދު މި ފަށާ ކަމަކީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ވަކިވަކިން އިވެމުންދިޔަ އަޑުތައް އެއްކޮށްލުން. މިއަދު އަޅުގަނޑުމެން މި އިއުލާންކުރަނީ 'ދިވެހިންގެ ބިން ދިވެހިންނަށް' މި ޝިއާރުގެ ދަށުން ފެށިގެންދާ ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތެއް،" އިމްރާން ވިދާޅުވި އެވެ.
ރަސްމާލޭގައި ވޯޓާ ފްރޮންޓަކާއި މެރިނާއެއް ހިމެނޭ ގޮތަށް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ވިޔަފާރިއެއް ކުރެވޭ ގޮތަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އީގަލް ހިލްސްއިން ކުރެއެވެ.
އީގަލް ހިލްސްއަކީ ދުބާއީ މޯލާއި ބުރްޖް ހަލީފާ ޓަވަރު ފަދަ އުމްރާނީ ބޮޑެތި މަސައްކަތްތައް ކޮށްފައިވާ އިމާރު ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ކުންފުންޏެވެ.


