Monday, 26 October 2026

ރަސްމާލެ މަޝްރޫއު ހުއްޓާލަން ގޮވާލައި ގައުމީ އިދިކޮޅު ހަރަކާތެއް އިއުލާންކޮށްފި

ކ. ފުށިދިއްގަރުފަޅުން 1،100 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކުރުމުގައި ހާމަކަން ބޮޑު ދެފުށް ފެންނަ އުސޫލެއް ނެތް ކަމަށް ބުނެ 'ދިވެހިންގެ ބިން ދިވެހިންނަށް' ނަމުގައި ގައުމީ އިދިކޮޅު ހަރަކާތެއް ފެށިކަން މިއަދު އިއުލާންކޮށްފިއެވެ.

އެ ހަރަކާތް އިއުލާންކުރުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ބައެއް އިސް މެންބަރުންނާއި، ކުރީގެ ރައީސް އަަބްދުﷲ ޔާމީނުގެ ޕީއެންއެފްއާއި، ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން، އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. ހަރަކާތް އިއުލާންކުރެއްވީ އިމްރާނެވެ.

"އަޅުގަނޑުމެން މިއަދު މި ފަށާ ކަމަކީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ވަކިވަކިން އިވެމުންދިޔަ އަޑުތައް އެއްކޮށްލުން. މިއަދު އަޅުގަނޑުމެން މި އިއުލާންކުރަނީ 'ދިވެހިންގެ ބިން ދިވެހިންނަށް' މި ޝިއާރުގެ ދަށުން ފެށިގެންދާ ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތެއް،" އިމްރާން ވިދާޅުވި އެވެ.

ރަސްމާލޭގައި ވޯޓާ ފްރޮންޓަކާއި މެރިނާއެއް ހިމެނޭ ގޮތަށް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ވިޔަފާރިއެއް ކުރެވޭ ގޮތަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އީގަލް ހިލްސްއިން ކުރެއެވެ.

އީގަލް ހިލްސްއަކީ ދުބާއީ މޯލާއި ބުރްޖް ހަލީފާ ޓަވަރު ފަދަ އުމްރާނީ ބޮޑެތި މަސައްކަތްތައް ކޮށްފައިވާ އިމާރު ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ކުންފުންޏެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން މި މަޝްރޫއާ ގުޅޭ ގޮތުން އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ އެހާ ބޮޑު ބިމެއް ދޫކޮށްލިއިރު އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނެގުމާއި ބީލަމަށް ހުޅުވާލާފައި ނުވާތީ އާއި އެ ތަނުގައި ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމާ ގުޅުވައެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާއިރު އެހެން ގައުމެއްގެ ޕާސްޕޯޓްގައި ވެސް އިޒްރޭލުގެ މީހަކު އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ވަރުގަދަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މަޝްރޫއު ބީލަމަށް ނުލި ސަބަބަކީ، އެއީ މާލިއްޔަތު ގަވާއިދުގައި އަމިއްލަ ކުންފުނިތަަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް އޮންނަ އުސޫލުގެ ތެރެއިން އީގަލް ހިލްސް ހުށަހެޅި މަޝްރޫއަކަށް ވާތީ ކަމަށް ސަރުކާރުން ބުނެއެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *