Tuesday, 28 July 2026
ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރި 137 ބައިވެރިއަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރުން -- ފޮޓޯ: އެކްސް

ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ 137 ބައިވެރިއަކު ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފި

ސަރުކާރުން އަލަށް ފެށި "ދިވެހި ވަތަނީ ހިދުމަތް" ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ބައިވެރިންގެ ތެރެއިން ސިފައިންގެ ހިދުމަތާ ގުޅުނު 137 ޒުވާނުން، 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މި ދަރިވަރުންނަކީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ޒުވާނުންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސިފައިންގެ މަތިވެރި ހިދުމަތާ ގުޅުނު ހުރިހާ ޒުވާނުންނަށް ރައީސް ވަނީ މަރުހަބާ އާއި ސާބަސް ރައްދުކުރައްވާފައެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން އިންތިޒާމުކޮށްގެން ހިންގި މި ތަމްރީނު ކޯސް ކުރިއަށްދިޔައީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައެވެ. މާޗް މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި ސިފައިންގެ މީހަކަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރުތައް ބައިވެރިންނަށް ވަނީ އުނގަންނައިދީފައެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ މައިގަނޑު މަގްސަދަކީ އަލަށް ހިދުމަތާ ގުޅޭ ފަރާތްތަކަކީ ގައުމިއްޔަތަށް ލޯބިކުރާ، އަހްލާގު ރަނގަޅު، އަދި އަމުރަށް ކިޔަމަންތެރިވާ ބަޔަކަށް ހެދުމެވެ. މި ތަމްރީނު ފުރިހަމަކުރި ޒުވާނުން ދެން މަސައްކަތް ކުރަމުންދާނީ ސިފައިންގެ އެކި ދާއިރާތަކުގައި ގައުމީ ހިދުމަތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *