ސަރުކާރުން އަލަށް ފެށި "ދިވެހި ވަތަނީ ހިދުމަތް" ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ބައިވެރިންގެ ތެރެއިން ސިފައިންގެ ހިދުމަތާ ގުޅުނު 137 ޒުވާނުން، 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މި ދަރިވަރުންނަކީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ޒުވާނުންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސިފައިންގެ މަތިވެރި ހިދުމަތާ ގުޅުނު ހުރިހާ ޒުވާނުންނަށް ރައީސް ވަނީ މަރުހަބާ އާއި ސާބަސް ރައްދުކުރައްވާފައެވެ.
އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ގެ އެންމެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން… pic.twitter.com/DySzqre049
— Dr Mohamed Muizzu (@MMuizzu) June 13, 2026
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން އިންތިޒާމުކޮށްގެން ހިންގި މި ތަމްރީނު ކޯސް ކުރިއަށްދިޔައީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައެވެ. މާޗް މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި ސިފައިންގެ މީހަކަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރުތައް ބައިވެރިންނަށް ވަނީ އުނގަންނައިދީފައެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ މައިގަނޑު މަގްސަދަކީ އަލަށް ހިދުމަތާ ގުޅޭ ފަރާތްތަކަކީ ގައުމިއްޔަތަށް ލޯބިކުރާ، އަހްލާގު ރަނގަޅު، އަދި އަމުރަށް ކިޔަމަންތެރިވާ ބަޔަކަށް ހެދުމެވެ. މި ތަމްރީނު ފުރިހަމަކުރި ޒުވާނުން ދެން މަސައްކަތް ކުރަމުންދާނީ ސިފައިންގެ އެކި ދާއިރާތަކުގައި ގައުމީ ހިދުމަތުގައެވެ.


