ކޮމިޓީން ނިންމި ގޮތުގައި، މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވުމަށް ނާޒިމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓުގެ ވަގުތެކެވެ. މީގެ އިތުރުން، މި މައްސަލައިގައި މަޖިލީހުގެ އެހެން މެންބަރުން ބަހުސް ކުރެއްވުމަށް ޖުމްލަ 50 މިނެޓު ދިނުމަށް ވަނީ ނިންމާފައެވެ. ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ލިބިވަޑައިގަންނަވާނީ ތިން މިނެޓެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކުގައެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ތެރޭގައި ބައިބައިވުން އުފެއްދެވުމަށް މަސައްކަތް ކުރެއްވުމެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ތަޅުމަށް ހުށަހެޅުމުގެ ކުރިން، ބަހުސް ކުރާނެ ވަގުތާއި އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމިޓީންނެވެ. މި މައްސަލަ ކުރިއަށް އޮތް ޖަލްސާއަކަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.


