Tuesday, 28 July 2026
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް: --- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް ވަކިކުރުން: ބަހުސަށް 50 މިނެޓު، ޖަވާބުދާރީވުމަށް 10 މިނެޓު ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެ ވަގުތުތައް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ މުޅި މައްސަލައަށް ޖުމްލަ އެއް ގަޑިއިރުގެ ވަގުތެއް ހާއްސަކުރުމަށެވެ.

ކޮމިޓީން ނިންމި ގޮތުގައި، މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވުމަށް ނާޒިމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓުގެ ވަގުތެކެވެ. މީގެ އިތުރުން، މި މައްސަލައިގައި މަޖިލީހުގެ އެހެން މެންބަރުން ބަހުސް ކުރެއްވުމަށް ޖުމްލަ 50 މިނެޓު ދިނުމަށް ވަނީ ނިންމާފައެވެ. ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ލިބިވަޑައިގަންނަވާނީ ތިން މިނެޓެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކުގައެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ތެރޭގައި ބައިބައިވުން އުފެއްދެވުމަށް މަސައްކަތް ކުރެއްވުމެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ތަޅުމަށް ހުށަހެޅުމުގެ ކުރިން، ބަހުސް ކުރާނެ ވަގުތާއި އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމިޓީންނެވެ. މި މައްސަލަ ކުރިއަށް އޮތް ޖަލްސާއަކަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *